ހޯވަބޯޑެއްގެ މަތީގައި މީހެއްގެ ދަތް ނެގި ޑޮކްޓަރަށް 12 އަހަރުގެ ޖަލު ހުކުމެއް

މީގެ ތިން އަހަރު ކުރިން، ބަލި މީހެއްގެ ދަތެއް ނެގިއިރު ހޯވަބަޑެއްގެ މަތީގައި އެކަންކޮށް، ވީޑިއޯކުރި މައްސަލާގައި ދައުވާކުރި އެމެރިކާގެ ޑޮކްޓަރު 12 އަހަރަށް ލުމާ އެކު، ސިއްހީ ދާއިރާ އިން 10 އަހަރަށް ސަންޕެންޑްކޮށްފި އެވެ.
އަމިއްލަ ޑެންޓަލް ކްލިނިކެއްގައި ބަލިމީހެއްގެ ދަތް ނެގި އިރު ހޯވަބޯޑެއްގެ މަތީގައި އިނދެ، ޑޮކްޓަރުންގެ ސުލޫކީ އަދި އަހުލާގީ މިންގަނޑާ ވެސް ހިލާފަށް އަމަލުކޮށްފައިވާތީ 12 އަހަރުގެ ޖަލު ހުކުމެއް ސެތު ލުކްހާޓް، 35، އަށް އިއްވީ އެންކޮރޭޖް ސުޕީރިއާ ކޯޓުންނެވެ.
އޭނާގެ މައްސަލަ ބެއްލެވި ފަނޑިޔާރު މައިކަލް ވޮލްވަޓަން، ޑޮކްޓަރުގެ މައްޗަށް 20 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް އޭގެ ތެރެއިން އަށް އަހަރު އުނިކޮށް، 10 އަހަރަށް ސިއްހީ ދާއިރާ އިން ސަސްޕެންޑްކުރެއްވީ އެވެ. އަދި ޑޮކްޓަރަކުގެ އެ އަމަލަކީ އޭނާގެ ފަރާތުން ފެނިފައިވާ އެތައް މައްސަލަތަކެއްގެ ރިއާޔަތްކޮށް އިއްވި ހުކުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ހޯވަބޯޑް މަތީގައި ދަތް ނެގި މައްސަލަ ފަޅާއަރައި ލުކްހާޓް މަސައްކަތުން އެކަހެރިކޮށް، ހިންގިި ތަހުގީގުން އެތައް މައްސަލަތަކެއް ފާހަގަކުރެވުނެވެ. އެގޮތުން މައިގަނޑު 47 ދައުވާއެއް އޭނާގެ މައްޗަށް އުފުލި އިރު އޭގެ ތެރޭގައި މަކަރާއި ހީލަތް ހެދުމާއި ހުއްދަ ނެތި ފަރުވާތައް ދިނުމާއި ބަލިމީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އަމަލުކުރުން ފަދަ ކަންކަން ތަކުރާރުކޮށް ހިންގާފައިވާކަން ހާމަވުން ހިމެނެ އެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރަން ނިންމީ މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާގެ ބަދަލަށް ދެ މިލިއަން ޑޮލަރު ވެސް ހޯދާ ގޮތަށެވެ. ނަމަވެސް ހުކުމުގައި އެކަމަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ.
ދައުވާތަކާ ގުޅިގެން ލޮކްހާޓް މާފަށް ވެސް އެދިފައިވެ އެވެ. އަދި އޭނާގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން ބުނީ އެފަދަ ކަމެއް ދެން ދުވަހަކު ވެސް ތަކުރާރުނުކުރާނެ ކަމަށާއި ކޯޓުގެ ނިންމުން ބަދަލުކޮށްދޭން އެދޭ ކަމަށެވެ.
ނަމަވެސް ފަނޑިޔާރު ވިދާޅުވީ ލުކްހާޓްގެ ފަރާތުން ފެނިފައި ވަނީ ޑޮކްޓަރެއްގެ ފަރާތުން ފެނިގެން ނުވާނެ ފަދަ މައްސަލަތަކެއް ކަމަށެވެ. އެހެންވެ ހުކުމާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ދާންނުޖެހޭ ކަމަށާއި އިންސާނުންގެ ފުރާނަ އަށް ނުރައްވާ ގޮތަށް އަދި ސުލޫކީ މިންގަނޑުން ބޭރުން ހިންގި އަމަލުތަކަށް ލޮކްހާޓް އަދަބު ލިބިގަންނަން ޖެހޭ ކަމަށެވެ.
ލޮކްހާޓް ޖަލު ހުކުމް ތަންފީޒުކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 7 އިން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ