'މިދަނޑިވަޅުގައި ފައްޔާޒު ވަކިކޮށްފިނަމަ އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ'

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ އިގްތިޞާދު އަޑިއަޅާލާފައިވާ މި ދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކި ކުރުމަކީ ރާއްޖެއަށް އިންވެސްޓުކުރާ ފަރާތްތަކުގެ މެދުގައި ރާއްޖެއާމެދު އޮންނަ އިތުބާރު ގެއްލިދާނެ ކަމެކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނެފިއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ސްލޮޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެބިނެޓަށް ވަޑައިގެން ހުންނެވި ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރައްވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެންނެވެ.
އެކަމާއި ދެކޮޅަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ މިނާޒުކު ވަގުތު އެކަން ކުރުމަކީ ރާއްޖޭގެ އިގްތިޞާދަށް އެންމެ ފައިދާހުރި ކަމެއް ނޫންކަމަށެވެ.
އެ ޔޫނިއަނުން ބުނީ އިގްތިސާދީ ގޮތުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން މިހާރު ކުރާ މަސައްކަތްތައް ވަޅުޖެހިޔަ ނުދިނުމަށް އިލްތިމާސް ކުރާކަމަށެވެ.
ރާއްޖޭގެ އިގްތިޞާދީ މިސްރާބު މިވަގުތު ހުރީ ރަނގަޅަށް ކަމަށް މި ޔޫނިއަނުން ގަބޫލު ކުރަން
- ޓްރޭޑް ޔޫނިއަން
ޓުވީޓުގައި އިތުރަށް ބުނެފައިވަނީ އިގްތިސާދު ކުރިއެރުވުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ކުރައްވަމުން ގެންދަވާކަމަށާއި އެ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޔޫނިއަނުން ފުރިހަމައަށް ތާއީދު ކުރާކަމަށެވެ.
Twitter Embeded
މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރައްވަނީ މަޖިލިސް ރައީސް ނަޝީދާއި މަޖިލިސް ނައިބު ރައީސް އީވާ އަބްދުﷲ ކަމަށް "ހަމައެމްވީ" އަށް ވަނީ ކަށަވަރު ވެފައެވެ. މިއަދު މަޖިލިސް ސައި ކޮޓަރިއަށް ވަޑައިގެން ބައެއް މެމްބަރުންގެ އަރިހުން ލިޔުމުގައި ސޮއިކޮށްދެއްވުމަށް އެދިވަޑައިގަންކަމަށް އެމްޑީޕީ މަޖިލިސް މެމްބަރަކު ވަނީ ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މިހާތަނަށް ސޮއިކުރީ 22 ވަރަކަށް މެމްބަރުންނެވެ. އެމްޑީޕީގެ ޓިކެޓުގައި މަޖިލިހަށް ވަޑައިގެން ތިއްބެވީ 65 މެމްބަރުންނެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި ފާސްވާނީ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދާ މައްސަލައިގައި ކޯލިޝަންގެ އެހެން އެއްވެސް ޕާޓިއަކުން، އަދި އިދިކޮޅު އެއްވެސް މެމްބަރަކުވެސް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ