ރައީސް އިސްނަންގަވައި ވީއޯސީއާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަމިއްލަފުޅަށް އިސްނަންގަވައި، ޖިންސީ އަނިޔާއާ ދެކޮޅަށް އަޑު އުފުލާ ވޮއިސް އޮފް ޗިލްޑްރެން (ވީއޯސީ) އާ ބައްދަލު ކުރައްވައިފި އެވެ. ވޯއޯސީ އަކީ، މިއަހަރު ކުރީކޮޅު ކަނޑުހުޅުދޫގައި އުމުރުން ދެއަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި އަޑުއުފުލުމަށް އުފެދުނު ހަރަކާތެެކެވެ. މިހާރުވެސް ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި މުޒާހަރާ ކުރަމުންދާ އެ ހަރަކާތް މިދިޔ ހަފްތާގައި ވަނީ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ. އެ ޖަމްއިއްޔާގެ ފައުންޑާ އިކްލީލާ ހަމީދު (ކޫ) މިއަދު "ސަން" އަށް ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމަކީ، ރައީސް އަމިއްލަފުޅަށް އެދިވަޑައިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޖިންސީ އަނިޔާގެ މައްސަލައިގައި ރައީސް ސޯލިހްގެ ކަންބޮޑުވުންވެސް އޮތްކަން ފާހަގަކުރައްވައި އެކަމުގައި މުހިންމު އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަަމަށް ކޫ ވިދާޅުވިއެވެ. "ބައްދަލުވުމުގައި އަޅުގަނޑުމެން ވާނީ ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވެ، ތަހުގީގުތައް ދިގުލައިގެން ދިޔުމާއި ކޭސްތައް ނުހިނގާ ވާހަކައާއި، މިފަދަ މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި،" ކޫ ވިދާޅުވިއެވެ. ވީއޯސީން ވަނީ މިފަހުން ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި މުޒާހަރާތައްވެސް ބާއްވާފައެވެ. ރައީސް ސޯލިހް އެ މުޒާހަރާތަކުގެ އަޑުތައް އައްސަވާ ކަމަށާއި މުޒާހަރާ ކުރުމަކީ، ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށްވެސް ރައީސް އެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށް ކޫ ވިދާޅުވިއެވެ. "ރައީސް ވިދާޅުވި، އަޅުގަނޑުމެންގެ ކަންބޮޑުންތައް ގަބޫލު ކުރައްވާ ކަމާއި މިކަމުގައި ރައީސްގެ ކަންބޮޑުވުންވެސް ވަރަށް ބޮޑަށް އޮތް ކަމަށް. އަދި މިކަމަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި،" ބައްދަލުވުމާ ގުޅޭ ގޮތުން ކޫ އިތުރަށް ވިދާޅުވިއެވެ. https://twitter.com/VocMaldives/status/1279720902595239936 މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީވެސް ބައިވެވަޑައިގެންނެވި އެވެ. ކޫ ވިދާޅުވީ، ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީއާ ގުޅިގެން މިފަދަ ކަންކަން ހުއްޓުވުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. "އަނިޔާ ލިބިފައި ތިބި ކުދިންނަށް ޝޯޝަލް ސަޕޯޓު ދިނުމާއި، ސްކޫލްތަކުގައި މިކަމާ ގުޅިގެން ދެރިވަރުން ހޭލުންތެރި ކުރުމާ ގުޅޭ ގޮތުންވެސް ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައި،" ކޫ ވިދާޅުވިއެވެ. ކޫ ވިދާޅުވީ، ކުރިއަށް އޮތްތާގައި ޖެންޑާ މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީއާއެކު ބައްދަލުވުންތައް ބާއްވައި، ކުދިން މިކަމަށް ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތަކެއް ރޭވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ފަހަކަށް އައިސް ޖިންސީ އަނިޔާގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހާތަަނަށް ޖިންސީ އަނިޔާގެ 244 މައްސަލަ ވަނީ އެ މުއައްސަސާއަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި މިދިޔަ މަހު ހުށަހެޅި 30 މައްސަލައާއި މިމަހުގެ ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ހުށަހެޅި ނުވަ މައްސަލަ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ