އައިޖީއެމްއެޗުން ޕޮޒިޓިވްވީ މީހުންގެ އަދަދު 11 އަށް

އައިޖީއެމްއެޗުގައި ނިޔާވި، އުމުރުން 39 އަހަރުގެ އިންޑޮނޭޝިއާ މީހާގެ ކޭސްއާ ގުޅިގެން އައިޖީއެމްއެޗްގެ ތެރެއިން 11 މީހަކު މިހާތަނަށް ޕޮޒިޓިވް ވެއްޖެ އެވެ. ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ނަޒީމް ވިދާޅުވީ އިންޑޮނޭޝިއާ މީހާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވުމުން އެ ކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަމަށެވެ. ޑރ. ނަޒީމް ވިދާޅުވީ މިހާތަނަށް ފާހަގަކުރެވިފައިވަނީ 11 މީހަކު ހޮސްޕިޓަލުގެ ތެރެއިން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެތޭރައި ފަސް ޕޭޝަންޓް ހިމެނޭ ކަމަށާއި އެތަނުން އެކަކީ އިންޑޮނޭޝިއާ މީހާ ކަމަށް އޭނާ ވިދާޅުވިއެވެ. "އޭގެ އިތުރުން ހަތަރު ސްޓާފުން އަދި ހަތަރު ޕޭޝަންޓުންނަކީ ޕޮޒިޓިވް ވި މީހުންގެ ރިލޭޓިވުން،" އޭނާ ވިދާޅުވިއެވެ. ޑރ. ނަޒީމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ގިނަ ބައެއް ހެދިފައި ވާ ކަމަށެވެ. "ދެން ހަތަރު ޕޭޝަންޓުންގެ ތެރެއިން އިއްޔެ ވަނީ ދެ މީހުން ފާހަގަކުރެވިފައި. އެމީހުން މިހާރު ވަނީ ޑީއެޗް11 އަށް ބަދަލުކޮށްފައި. މިއަދު ހެނދުނު ވަނީ އިތުރު ދެމީހަކު ޕޮޒިޓިވް ވެފައި. އެ ދެމީހުން ވަނީ ހުޅުމާލޭ ފެސިލިޓީއަށް ބަދަލުކޮށްފައި،" ޑރ. ނަޒީމް ވިދާޅުވިއެވެ. އެ ކޭސް އާ ގުޅިގެން މިހާރު ވަނީ 27 މުވައްޒަފަކު ހޯމް ކަރަންޓީން އަށް ބަދަލުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިންޑޮނޭޝިއާ މީހާ އޮތް އައިސީޔޫގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް އެހެން ވޯޑްތަކަށް ބަދަލުކޮށްފައިވާ މީހުން ތިބި ތަންތަނުގެ ޓެސްޓިން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިންޑޮނޭޝިއާ މީހާ މަރުވީ ކޮވިޑަށް ޕޮޒިޓިވްވެގެން ކަމަށް އެންމެ ފުރަތަމަ އެޗްޕީއޭއިން އިއުލާނު ކުރުމަށް ފަހު ފަހުން ބުނެފައިވަނީ އެގޮތަށް އިއުލާނު ކުރެވުނީ އޮޅުމަކުން ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް، އެޗްޕީއޭ އިން ނިންމާފައިވަނީ، އޭނާ މަރުވި ސަބަބަކީ ކެންސަރު ބަލި ކަމަށެވެ. އަދި އެއީ ކޮވިޑާ ގުޅުމެއް ނެތް މަރެއްގެ ގޮތުގައި ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ