އިންފޮމޭޝަން ކޮމިޝަނަރަށް ރުހުން ދިނުން މާދަމާގެ އެޖެންޑާއަށް

މަގާމުގެ ފަސް އަހަރުގެ ދައުރު ހަމަވުމާއި ގުޅިގެން ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގެ އެޖެންޑާއަށް ލައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ޤާނޫނީ ގޮތުން ހުސްވެފައި އޮންނަތާ ދުވަސްކޮޅެއް ވެފައިވާއިރު، އެ މަގާމަށް ކުރިމަތި ލުމަށް ރައީސް އޮފީހުން ކުރި އިއުލާނާއި ގުޅިގެން ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައި ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ހަތަރު ބޭފުޅެއްގެ ނަންފުޅެވެ.
ރައީސް ފޮނުއްވި ހަތަރު ނަންފުޅަކީ ތ. ވިލުފުށި އަތަމާގެ، ޙުސައިން ފިޔާޒު މޫސާ އާއި މ. ހަޒާރީވިލާ އަޙްމަދު ފަޔާޒް ޙަސަން އާއި ހ. ގުރަހަ، އަޙްމަދު އާހިދު ރަޝީދުގެ އިތުރުން މ. ވެންކޫވާ ފާތިމަތު ޝައުޝަންއެވެ. މިހަތަރު ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެބޭފުޅުންނާ އިންޓަވިއުކޮށް، ދިރާސާ ކުރުމަށްފަހު، ކޮމިޓީން މަޖިލީހުގެ ތަޅުމަށް ރުހުން ހޯދަން ފޮނުވާފައި ނަނީ ތިން ބޭފުޅެކެވެ. އެއީ ފިޔާޒް އާއި ފަޔާޒް އާއި އާހިދުއެވެ. އެހެންކަމުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް އައްޔަން ކުރަން ފެނޭތޯ ވޯޓަށް އައްސަވާނީ ކޮމިޓީން ފޮނުވި މިތިން ނަންފުޅަށެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ ފަސް އަހަރުގެ ދައުރު އެންމެ ފަހުން ހަމަކުރެއްވީ، ކުރިން މާވަށު ދާއިރާގެ މަޖިލިސް މެމްބަރުކަންވެސް ކުރެއްވި އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ