ސަރުކާރުން ޓެކްސް ނަގަނީ ރައްޔިތުން މަޖުބޫރުކުރާތީ: އުއްޗު

ސަރުކާރުން އެކި ނަންނަމުގައި ޓެކްސް ނަގަނީ އެކަން ކުރަން ރައްޔިތުން މަޖުބޫރު ކުރާތީ ކަމަށް ރާއްޖޭގައި ތިއްބެވި އެންމެ ތަނަވަސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.
މަޝްހޫރު ވިޔަފާރި ގުރޫޕް، ޗަމްޕާގެ އެއް ހިއްސާދާރު، އުއްޗު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގެ ހާއްސަ މެހްމާނެއްގެ ގޮތުގައި މިއަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
އުއްޗު ވިދާޅުވީ ސަރުކާރުން ޓެކްސް ނަގަނީ ސަރުކާރުން އެކަން ކުރަން ބޭނުންވުމުގެ ބަދަލުގައި ޓެކްސް ނަގަން ރައްޔިތުންގެ ސަރުކާރަށް މަޖުބޫރުކުރާތީ ރައްޔިތުންގެ ކަންކަން ކުރުމަށް ކަމަށެވެ.
ޓެކްސް ނެގުމަކީ ކޮންމެ ސަރުކާރެއް އޮތަސް ކުރަންޖެހޭ ކަމެއް ކަމަށްވެސް އުއްޗު ވިދާޅުވި އެވެ. ރައްޔިތުން ކުރަން ބޭނުންވާ ކަންކަން މިއަދު ވަރަށް ގިނަ ކަމަށާއި ޓެކްސް ނަގަނީ ރައްޔިތުން ބޭނުންވާ އެފަދަ ކަންކަން ކޮށްދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.
އުއްޗު ވިދާޅުވީ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން ޓެކްސް ނަގަން ސަރުކާރަށް މަޖުބޫރު ވަނީ ކަމަށާއި ޓެކްސް ނުނަގާނަމަ ދެންޖެހޭނީ އެހެން ގައުމުތަކުން ދަރަންޏަށް ފައިސާ ހޯދަން ކަމުގައިވެސް ވިދާޅުވި އެވެ.
ސަރުކާރެއް ލައްވާ ޓެކްސް ނަންގަނީ ރައްޔިތުން. ސަބަބަކީ އަޅުގަނޑުމެން ސަރުކާރަށް އެބަ ދަންނަވަން، މިސާލަކަށް ބައްލަވާ ހެލްތަށް. އަޅުގަނޑުމެން ހުރިހާ ރަށްރަށުގައި ހުރި ހެލްތު ސެންޓަރު ތަކާއި، 1957 އެންމެ ޑޮކްޓަރެއް ރާއްޖޭގައި. އޭރު އާބާދީގައި ވަރަށް ކުޑަ އާބާދީއެއް އޮންނާނީ. އެކަމަކު މިހާރު ހުރިހާ ހެލްތު ސެންޓަރުތަކާއި ހުރިހާ ހޮސްޕިޓަލްތަކާއި ހުރިހާ އެއްޗެއް އެއްކޮށްލާފައި ޑޮކްޓަރުންނާއި އެކު އެއްކޮށްލާއިރު ސިންގަޕޫރަށް ވުރެ ބޮޑުވާނެ. ކާރުބާރު ބޮޑުވާނެ. އެކަމަކު އަޅުގަނޑުމެންގެ ރަށްތައް މިހިރަ ގޮތުން ކޮންމެ ރަށަކަށް ހޮސްޕިޓަލެއް، ކޮންމެ ރަށަކަށް އޮޕަރޭޝަން ތިއޭޓަރު ތަކެއް ބޭނުންވޭ. އަޅުގަނޑު އެދެނީ. އެދުނީމާ އެކަން ނުކޮށްދީ ލަސްވެއްޖިއްޔާ އަޅުގަނޑުމެން އަނެއްކާ ޕްރެސާ ކުރަނީ، އަޅުގަނޑުމެން ރައްޔިތުން ސަރުކާރަށް، އެހެންވީމާ ސަރުކާރުން ކޮންތާކުންތޯ ލާރި ހޯދާނީ؟ ސަރުކާރުން އެބަޖެހޭ [ޓެކްސް] ނަގަން. ކޮންމެވެސްތާކުން. ނަގައިގެން ނޫނި ކިހިނެއް އެކަމެއް ކޮށްދެނީ؟" ޓެކްސް ނުނަގާ ފައިސާ ހޯދާނެ ގޮތަކާ މެދު އުއްޗު ސުވާލު އުފެއްދެވި އެވެ.
ނިމިދިޔަ ސަރުކާރުތަކުން ކޮށްފައިވާ ކަންކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ކަން ފާހަގަކުރައްވަމުން އުއްޗު ވިދާޅުވީ ބަޔަކު ފާޑުކީ ނަމަވެސް ރާއްޖެ މިއަދު މިއޮތް ހިސާބަށް އައި ނިމިދިޔަ ސަރުކާތުތަކުން ކުރި މަސައްކަތުން ކަމަށެވެ. އާންމުކޮށް ޓީވީތަކަށް އިންޓަވިއު ނުދެއްވަނީ އޭނާ ވިދާޅުވާ އެއްޗަކުން ބައެއް މީހުން ހިތްހަމަނުޖެހިދާނެތީ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު އެއްވެސް ކަމެއް ހަގީގަތާ ހިލާފަށް ދަންނަވާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިޕްރޮގްރާމުގައި އުއްޗު ވަނީ އޭނާގެ އަމިއްލަ ދިރިއުޅުއްވުމާ ގުޅޭގޮތުން ބައެއް ވާހަކަތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އޭނާ އަކީ އަބަދުވެސް ވަރަށް ދަންކޮށް ނިދިކުރައްވާ ބޭފުޅެއް ކަމަށާއި ނަަމަވެސް އިރު އަރަންވާ ތެދުވެވަޑައިގެން މަސައްކަތަށް ނިކުންނަވާ ކަމުގައިވެސް ވިދާޅުވި އެވެ. އެހެން ނޫނީ ތިމާކުރާ މަސައްކަތް ކާމިޔާބުކުރަން ފަސޭހަ ނުވާނެ ކަމުގައިވެސް އުއްޗު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ