ޔޫއޭއީގައި ޔަހޫދީ ފައްޅިއެއް ބިނާކުރަން ނިންމައިފި

އަބޫދަބީ (ސެޕްޓެމްބަރު 23) : ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ)ގައި ޔަހޫދީ ފައްޅިއެއް އެޅުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ. ޔޫއޭއީގައި އިނގިރޭސިބަހުން ނުކުން ނޫހެއްކަމަށްވާ "ދަ ނެޝަނަލް" ބުނާގޮތުން ޔަހޫދީ ފައްޅި ބިނާކުރަނީ އެގައުމުގެ ވެރިރަށް އަބޫދަބީ އާ 500 ވަރަކަށް މީޓަރު ދުރުގައި އޮންނަ ސަޢްދިއްޔާތު ޖަޒީރާގައި ބިނާކުރާ ކޮންޕްލެކްސްއެއްގެ ތެރޭގަ އެވެ. މިކޮމްޕްލެކްސް ބިނާކުރަނީ ސަޢްދިއްޔާތު ޖަޒީރާގައި ތަރައްގީކުރާ ސަގާފީ ސަރަހައްދުގަ އެވެ. މީގެ ކުރިން 100 ޕަސެންޓް އިސްލާމީ ގައުމެއް ނަމަވެސް، ޔޫއޭއީގެ އިގްތިސާދު ފުޅާވެ އެގައުމުގައި އެހެން ދީންތަކުގެ އެތައް މިލިއަން ބަޔަކު ދިރިއުޅެން ފެށުމުންނާއި އަދި އެއީ ދުނިޔޭގެ ފެންވަރުގެ އިގްތިސާދީ އަދި ވިޔަފާރީގެ މަރުކަޒަކަށް ވުމުން އެގައުމުން ބޭނުންވީ ހުރިހާ ސަގާފަތެއްގެ އަދި ހުރިހާ ދީނެއްގެ މީހުންނަށް ހަމަހަމަ ފުރުސަތުތައް އެގައުމުގައި ދިނުމަށެވެ. އަދި ހުރިހާ ދީންތަކެއްގެ މީހުން އަޅުކަންކުރާ ތަންތަން ސަރުކާރުގެ ޚަރަދުގައި ބިނާކޮށްދީ އެތަންތަނުގައި އަޅުކަންކުރުމުގެ ފުރުސަތު ހަމަހަމަގޮތެއްގައި އެންމެންނަށް ވެސް ހުޅުވާލާފައިވާ ގައުމެއްގެ ގޮތުގަ އެވެ. މިއަހަރުގެ ކުރީކޮޅު ޔޫއޭއީގެ ސަރުކާރުގެ ޚަރަދުގައި އެގައުމުން ވަނީ ހިންދޫންގެ ފައްޅިއަކާއި ސިކުންގެ ފައްޅިއެއް ވެސް ބިނާކޮށްދީފަ އެވެ. އެ ދެ ފައްޅި ބިނާކޮށްދޭންޖެހުނީ އިންޑިއާގެ ގާތްގަނޑަކަށް 2.8 މިލިޔަން މީހުން މަސައްކަތު މީހުންގެ ގޮތުގައި ޔޫއޭއީގައި ދިރިއުޅެމުން ދާތީ އެވެ. ޔޫއޭއީގައި ބިނާކުރި ހިންދޫ ފައްޅިއާ އެކު އެގައުމުގައި ބެހެއްޓި ހިންދޫން އަޅުކަންކުރާ ބުދަކީ ކީރިތި ރަސޫލާ މައްކާ ފަތަހަ ކުރެއްވުމަށް ފަހު އަރަބި ޖަޒީރާއިން ބުދުތައް ނައްތާލެއްވި ފަހުން އަރަބި ޖަޒީރާގައި އަޅުކަން ކުރުމަށް ޓަކައި ބެހެއްޓި ފުރަތަމަ ބުދެވެ. ސަމާވީ ތިން ދީނުގެ އަޅުކަންކުރާ ތަންތަން ސައުދިއްޔާތު ޖަޒީރާގައި ބިނާކުރާ "އަބްރަހަމިކް ފެމިލީ ހައުސް"ގެ ނަމުގައި ހަދާ އެކުވެންޏެއްގައި (ކޮމްޕްލެކްސް)އެއްގަ އެވެ. އެ ކޮމްޕްލެކްސްގެ މަސައްކަތް 2023 ވަނަ އަހަރު ނިމޭނެ ކަމަށާއި އެތަނުގައި މިސްކިތަކާއި ނަސާރާ ފައްޅިއެއްގެ އިތުރުން ޔަހޫދީ ފައްޅިއެއް ހުންނާނެ ކަމަށް ޔޫއޭއީގެ މީޑިއާ އިން ރިޕޯޓުކުރެ އެވެ. ޔޫއޭއީން ބުނަނީ މިތަން ހަދަނީ ތިން ދީނުގެ މެދުގައި އެކުވެރިކަން ގާއިމުކޮށް އެކަން ރަމްޒުކޮށްދިނުމަށެވެ. ސައުދިއްޔާތު ޖަޒީރާއަކީ ވިޔަފާރިތަކާއި ރިއަލް އެސްޓޭޓު ހިމެނޭ ގޮތަށް އެތައް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގާ، އަދި ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ޔޫއޭއީ ސަރުކާރުން ތަރައްގީކުރާ 27 އަކަ ކިލޯމީޓަރުގެ ޖަޒީރާއެކެވެ. އަބޫދާބީގެ އައްސޭރިއާ ގާތްގަނޑަކަށް 500 މީޓަރު ދުރުގައި އޮންނަ އެ ޖަޒީރާގައި ސަގާފީ އަވަށެއް ވެސް ހެދުމަށް ވަނީ ނިންމައިފަ އެވެ. އެ އަވަށުގައި ޔޫއޭއީގެ ސަގާފަތު ދައްކައިދޭ ދާރުލްއާސާރަކާއި ދުނިޔޭގެ ބައެއް ދާރުލްއާސާރުތަކުގެ ގޮފިތައް ހަދާނެ އެވެ. (ނޫސްއެޖެންސީތައް + އާރުޓީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ