ރައީސް ޔާމީން މަސައްކަތް ކުރެއްވީ މުޅި ރާއްޖެތެރެ އުވާލަން: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ކޮށްފައިވަނީ މުޅި ރާއްޖެތެރެ އުވާލުމަށް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ "ވިއަވަތި ރާއްޖެ" މަހާސިންތާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ މުޅި މާލެ ސަރަހައްދު ހިއްކުމަށްފަހު ރައީސް ޔާމީން މަސައްކަތް ކުރެއްވީ ހުރިހާ އެންމެން މާލެ ސަރަހައްދަށް ބަދަލުކުރުމަށް ކަމަށެވެ.
މިމަހާސިންތާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަށެއްގެ އިހުތިސާސް ތެރޭގައި ހުންނަ ތަކެތި މެނޭޖް ކުރެވެންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އަތޮޅުތަކުގައި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ރިސޯޓްތަކާއި ރަށާއި ގުޅުވެންޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ތަރައްގީގެ ވިސްނުމަކީ އެމްޑީޕީން ނޫން އެހެން ބަޔަކަށް ކުރެވޭނެ ވިސްނުމެއް ނޫން ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ ވެސް އެމްޑީޕީގެ ވިސްނުމެއް ކަމަށާއި، އެކަން އެމްޑީޕީ ނޫން ބަޔަކަށް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިތަނަކީ އެމްޑީޕީގެ ޖަލްސާއެއް ނޫން، އެކަމަކު އެމްޑީޕީން ނޫން ބަޔަކަށް މި ވިސްނުން ގެންގުޅެވިދާނެ ކަމަށް ތިބޭފުޅުން ދެކެވަޑައިނުގަންނަވާތި." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދައުލަތުގެ އަންނަ އަހަރުގެ ބޮޑު ބަޖެޓާ އެކު ލާމަރުކަޒީ ނިޒާމް ނާކާމިޔާބު ވެއްޖެ ނަމަ އެއީ ސިޔާސީ ހަޔާތުގައި ލިބޭނޭ އެންމެ ބޮޑު ނާކާމިޔާބީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ