ރޭސް 3 ގެ ޝޫޓިންގެ ތެރެއިން ޖެކްލީންއަށް އަނިޔާވެއްޖެ

ރޭސް 3ގެ ޝޫޓިން ގެ ތެރެއިން އެފިލްމުގެ ބަތަލާ ޖެކްލީން ފެނާންޑެޒްއަށް އަނިޔާވެއްޖެއެވެ.
ބޮލީވުޑްގައި ކާމިޔާބިތައް ހޯދަމުން އަންނަ ޖެކްލީންގެ ލޮލަށް އަނިޔާވެފައިވަނީ އެފިލްމުގެ ޝޫޓިން އަބޫ ދާބީގައި ކުރިއަށް ދަނިކޮށެވެ.
ޖެކްލީންގެ ލޮލަށް އަނިޔާވެފައިވާކަން އެފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ކަށަވަރުކޮށްދީފައިވާއިރު އެނާ ބުނީ، ޖެކްލީންގެ ލޮލަށް މާބޮޑު އަނިޔާއެއް ނުލިބޭކަމަށެވެ. އަދި މިހާރު ޖެކްލީން ޝޫޓިންއަށް ގުޅިފައިވާކަމަށްވެސް ރަމޭޝް ބުނެއެވެ.
މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ނެރުމަށް ތައްޔާރުވަމުންދާ އެފިލްމުގައި ޖެކްލީންއާއެކު ޑެއިޒީ ޝާހް އަދި ބޮލީވުޑްގެ ކުޅަދާނަ ބަތަލުންކަމަށްވާ ސަލްމާން ހާނާއި ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރުގެ އިތުރުން ސާގިބް ސަލީމް ފެނިގެންދާނެއެވެ.
މަޝްހޫރު ޑައިރެކްޓަރު ރޭމޯ ޑި ސޫޒާ ޑައިރެކްޓްކޮށް ނެރުމަށް ތައްޔާރުވަމުން އަންނަ އެފިލްމު ޝެޑިއުލާއި އެއްގޮތަށް ޝޫޓިން ކުރިއަށް ނުދާކަމަށް މީޑިއާގައި އަޑުތައް ފެތުރެމުންދެއެވެ. ސަބަބަކީ ފިލްމުގެ ބަތަލު ސަލްމާން ހާނާއި ދެކޮޅަށް ކޯޓުގައި މައްސަލައެއް ހިނގަމުންދާތީ ގައުމުން ބޭރަށް ދިއުމަށް ސަލްމާނަށް މަނާކޮށްފައިވާތީއެވެ. އެހެންނަމަވެސް އެއަޑުތައް ރޭސް 3 ޕްރޮޑިއުސަރު ދޮގުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ