ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން ބޭއްވި ޖަލްސާއަށް މީހަކު އެއްޗެއް އެއްލުމާ ގުޅިގެން, އެޖަލްސާގެ ބައެއް ބައިވެރިން ޔާމީން ގޭދޮށަށް އެއްވެ ކުރަމުންދިޔަ މުޒާހަރާ ފުލުހުން ރޫޅާލައިފި

10:00ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާއަށް މީހަކު އެއްޗެއް އެއްލުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން ޖަލްސާގެ ބައެއް ބައިވެރިން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ ގޭދޮށަށް އެއްވެ ޔާމީންގެ އިސްތިއުފާއަށް ގޮވާ ކުރަމުންދިޔަ މުޒާހަރާ ފުލުހުން ރޫޅާލައިފި އެވެ.އަތޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ރޭ އެމްޑީޕީން އާރޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާ ފަށައިގެން ކުރިއަށް ދަނިކޮށް މަޖިދީމަގާ ދިމާލުން ޖަލްސާގެ ތެރެއަށް މީހަކު އެއްޗެއް އެއްލުމާ ގުޅިގެން ޖަލްސާގައި ތިބި ބައެއް މީހުން އެމީހާއާ ދިމާލަށް ދުއްވައިގެންތަން އެޖަލްސާ ކަވަރުކުރުމަށް ގޮސްއުޅުނު ސަންއެފްއެމްގެ ނިއުސް ޓީމަށް ވަނީ ފެނިފަ އެވެ. އެވަގުތު ޖަލްސާގައި ތިބި ބައެއް މީހުންނާ އެމީހާއާ ދެމެދު މާރާމާރީ ހިނގައި އެމީހާ ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ފުލުހުން ވަނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެޖަލްސާ އަނެއްކާވެސް ޖަލްސާ ފަށައިގެން ކުރިއަށް ދަނިކޮށް އެސަރަހައްދަށް އެއްވި ބައެއް މީހުންނާ ޖަލްސާގެ ބައެއް ބައިވެރިންގެ މެދުގައި ހަމަނުޖެހުން ހިނގަން ފެށުމުން ސަލާމަތީ ސަބަބު ތަކަށްޓަކައި ޤައުމީ ދިފާއީ ބާރުތަކުން ވަނީ ރައީސް ނަޝީދު އެޖަލްސާ ގެންދަވާފަ އެވެ. އެހިސާބުން ޖަލްސާ ހުއްޓުމަކަށް އައުމާ ގުޅިގެން ޖަލްސާގެ ބައެއް މީހުން ވަނީ ޔާމީންގޭ ދޮށަށް އެއްވެ ޔާމީންގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ ކޮށްފަ އެވެ. އަދި ޔާމީން ގޭ ދޮށަށް އެއްވި މީހުންނާއި އިދިކޮޅު ފަރާތްތަކާ ދެމެދު ވަނީ ކުރިމަތިލުން ތަކެއް ހިނގައި، އެއްވި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެސް ވަނީ ލިބިފަ އެވެ. އަދި މިހާދިސާގައި ބައެއް އާއްމުންގެ އިތުރުން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުންގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެގާރަގަޑިބައި ކަންހާއިރު، ފުލުހުން، މުޒާހަރާ ރޫޅާލީ، އެސަރަހައްދު ދޫކޮށް ދިޔުމަށް ތަކުރާރުކޮށް އިންޒާރުދިނުމަށްފަހު އެއްވެ ތިބި މީހުން ނުދިއުމުން ކަރުނަ ގޭސް ޖަހައިގެންނެވެ.ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އުޅުއްވާ ގ. އާބިން ސަރަހައްދަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގެ ކޮޅު ކައިރިއަށްވެސް ރޭ ގިނަބަޔަކު އަދަދެއްގެ ބަޔަކު ވަނީ އެއްވެފަ އެވެ. އަދި ނާޒިމްގެ ގޭ ދޮށަށް އެއްވި މީހުންވަނީ ނާޒިމް ހައްޔަރު ކުރުމަށް ގޮވާ އަޑުގަދަ ކޮށްފަ އެވެ. ނަމަވެސް ސިފައިން ވަނީ ނާޒިމްގޭ ސަރަހައްދަށް އެއްވެ ހަމަނުޖެހުން ހިންގަމުންދިޔަ މީހުން އެސަރަހައްދުން ދުރަށްލާ ސެކިއުރިޓީ ބަލަހައްޓަން ފަށާފަ އެވެ.ރޭ މާލެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ގިނަ އަދަދެއްގެ ސިފައިން ވަނީ މާލެ ތެރޭގެ ސެކިއުރިޓީ، ބަލަހައްޓަން ފަށާފަ އެވެ. އެގޮތުން ސަލާމަތީ ސަބަބުތަކަކަށްޓަކައި ޔާމީން ރޭގެ ވަގުތެއްގައި ވަނީ ސިފައިންގެ ހިމާޔަތުގެ ދަށަށް ގެންދަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ