އަހަރުގެ ސަފުހާތަކުން: ހިމަންދޫ މައްސަލަ: އަހަރުގެ ބޮޑު ކުރިމަތިލުން

ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދުމުގެ ކުރިން އއ. ހިމަންދޫ އަށް ޒިޔާރަތްކުރި މީހަކު ވިއްޔާ ފުރަތަމަ ވެސް ބުނާނެ އެއް ވާހަކަ އަކީ މިއެވެ؛ ހިމަންދޫ އަކީ ހިތްހެޔޮ ބަޔަކު އުޅޭ ރަށެކެވެ. ރަށަށް އަރާ ބީރައްޓެހިންނާ މެދު ރަށުގެ އެންމެންހެން ހިތްހެޔޮކަމާ އެކު ބައްދަލުކޮށް އެހީތެރިވެ ހަދަ އެވެ. އެކަމަކު އެކުޑަކުޑަ ރަށުން މިދިއަ އޮކްޓޯބަރު 7 ވަނަ ދުވަހު ފެނުނީ މުޅިން ތަފާތު މަންޒަރުތަކެކެވެ. ގައުމުގެ ސަލާމަތީ ބާރުތައް އެ ރަށަށް ދިޔަ އިރު ދީނީ ގޮތުން ހިޔާލު ތަފާތު ފިރިހެނުންގެ ގިނަ ބަޔަކު ތިބީ ހެލްމެޓް އަޅާ، މޫނު ނިވާކޮށް، ލަޓިބުރި ހިފައިގެންނެވެ. ސެޕްޓެމްބަރު 29 ގައި ސަލްޓަން ޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގަށް ބޭނުންވާ ބައެއް މީހުން ހޯދުމުގެ މަސައްކަތާއި ޖިނާއީ ކުށްތަކެއްގައި ތުހުމަތުކުރެވޭ ބައެއް މީހުން ހޯދުމަށް އެރަށަށް ދިޔަ 150 ފުލުހުންނާއި ސިފައިން ހިމެނޭ ސަލާމަތީ ބާރާ ދެކޮޅަށް ދީނީ ހިޔާލު ތަފާތު ގްރޫޕުގެ ފަސްދޮޅަހަކަށް މީހުން ވަރުގަދަ ކުރިމަތިލުމެއް ހިންގި އެވެ. މިއީ ރާއްޖޭގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ދިވެހިންގެ ބަޔަކު އެހާ ގަދަފަދަކޮށް ދިން ފުރަތަމަ ހަމަލާ އެވެ. އެދުވަހު ހަވީރު ހިންގި މިކުރިމަތިލުމުގައި ސަލާމަތީ ބާރުތަކަށް ޖެހުނީ ކާމިޔާބެއް ނުލިބި ފަހަތަށް ޖެހޭށެވެ. ސީރިއަސް ގެއްލުންތަކަކާ އެކު އެތައް ބަޔަކު ޒަހަމްވެގެންނެވެ. އަދި ސިފައިންގެ އެކަކު ރަހީނެއްގެ ގޮތުގައި އެމީހުން ހިފެހެއްޓި އެވެ. މީގެ އަހަރުތަކެއް ކުރިން މަޑުމަޑުން ބަދަލުވަމުން ދިޔަ ހިމަންދޫ އާބާދީގެ ތެރެއަށް ދީނީ ހަރުކަށި އުސޫލުތަކުގައި ހިފަހައްޓާ އެހެން ރަށްރަށުގެ މީހުން ވެސް ވަދެ ރަށުގެ ގިނަ ބަޔަކު އާންމު މުޖުތަމައުއާ ދުރުކޮށްފައި އޮތުމުގެ ނަތީޖާ ފެނުނީ ވަރަށް ހިތިކޮށެވެ. އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ ދިވެހި ސިފައިން، ފުރިހަމަ ބާރާ އެކު އެރަށަށް ދިއުމުން ދެން އިތުރު ކަމެއް ނުކުރެވޭނެ ކަމަށް ބަލައި އަމާންދިނެވެ. ދެން ފެނުނީ އެ ގްރޫޕް މީހުން ހައްޔަރުކޮށް ރަށުން ގެންދިޔަ ތަނެވެ. ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުތުމުން ގާނޫނީ ގޮތުން ނެގެން އޮތް މައްސަލަތަކުގައި ސަރުކާރުން ވަނީ ހަރުކަށިވެފަ އެވެ. އެގޮތުން މިހާތަނަށް 53 މީހުންނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާކުރުމަށްޓަކައި މައްސަލަ ވަނީ ޝަރީއަތަށް ފޮނުވައިފަ އެވެ. މާނަ އަކީ ދީނީ ހިޔާލު ތަފާތުވުމުގައި ބައިވެފައި އޮތް ރަށުގެ ކުށެއް ނެތް އެތައް ބަޔަކަށް ދަތި އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހުމެވެ. ހިމަންދޫގައި އަޅާފައި ހުރި މިސްކިތަށް ތަފާތު އުޒުރުތައް ދެއްކުމަށް ފަހު ނަމާދަށް ނޭރުމާއި، އެމީހުން ގަބޫލުކުރާ ގޮތަށް ތިބޭ ބަޔަކަށް ހަމައެކަނި އެރޭ ގޮތަށް ވަކިން ތަނެއް ހަދައިގެން ނަމާދު ކުރަނިކޮށް 2006 ވަނަ އަހަރުގެ ރޯދަމަހު ވެސް އެތަން ވަނީ ފުލުހުންގެ ސްޓާ ފޯސް ގޮސް ރޫޅާލައިފަ އެވެ. އެކަމަކު ފަހުން އަނެއްކާ އެތަން ހެދުމާއި ރަށުގައި އޮތް ދީނީ ތަފާތު ބޮޑުވަމުން ގޮސް، ދީނީ ހަރުކަށި އުސޫލުގެ ޒުވާނުންތަކެއް ސަލްޓަން ޕާކްގައި އެއްޗެއް ގޮއްވާލުމާ ހަމައަށް ސަރުކާރުން އޮތީ ފިޔަވަޅެއް ނާޅަ އެވެ. ސަލާމަތީ ބާރުތަކާ ދެކޮޅަށް ތަޅާފޮޅާ ހެދުމުގެ ކުރިން ވެސް ހިމަންދޫގައި ދީނީ ބައިބައިވުން އޮތީ އެންމެ ނާޒުކު ފައްތަރުގަ އެވެ. ރާއްޖޭގައި ތިބި ދީނީ ގިނަ އިލްމުވެރިންގެ ބަސް ގަބޫލުކުރުމުގެ ބަދަލުގައި އެމީހުން ހަމައެކަނި ކަންފަތް ހުޅުވާލަނީ އެމީހުން ބޭނުންވާ ގޮތަށް ދީނީ ނަސޭހަތް ދޭ މީހުންނަށެވެ. އެގޮތުން އެމީހުންނަށް ދީނީ ފަތުވާ ދެނީ، ރަށުގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި، ދީނީ ގޮތުން ތަންދޮރުނުފިލާ ބަޔެކެވެ. "އެމީހުން ލައްވާ ހަމަނުޖެހުންގަނޑެއް ހިންގައިގެން މިރަށް މި އޮތީ ރާއްޖެއަށް ބަލާ އިރު ދީނީ ގޮތުން އެންމެ ހަމަނުޖެހުން ބޮޑު ރަށުގެ ގޮތުގައި މުޅި ރާއްޖެ އަށް މަޝްހޫރުވެފައި،" ކަތީބު އިބްރާހިމް އަބްދުއްރަހުމާން، އޮކްޓޯބަރު މަހު ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ. "ކިތައްމެ މަދު ބަޔަކު ކުރާ ކަމަކުން ވެސް ކިތަންމެ ބޮޑު ދެރައެއް ރައްޔިތުންނަށް ލިބިދާނެ. އޭގެ މިސާލެއް މިރަށަކީ." ދީނީ ގިނަ އިލްމުވެރިންތަކެއް ތިއްބެވި އަދާލަތު ޕާޓީން ވަނީ ހިމަންދޫގައި ހަރުކަށި އުސޫލު ގެންގުޅޭ މީހުންނަށް ފާޑުކިޔައިފަ އެވެ. އެ ޕާޓީން އޮކްޓޯބަރު މަހު ބުނެފައި ވަނީ އެ މީހުން ގެންގުޅޭ ބައެއް ކަންތައްތައް ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ކަމަށެވެ. އޭގެ މާނައަކީ އެ ރަށުގައި ބައެއް މީހުން ގަބޫލުކުރާ ދީނީ ފިކުރު އިސްލާމް ދީނުގެ މައިގަނޑު އުސޫލުތަކާ ހިލާފުވުމެވެ. އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން ދައްކަވާ ވާހަކަތައް އެ ގްރޫޕުން ބޮލައިލާ ޖެހި ނަމަވެސް އެ ޕާޓީން ވަނީ، ދީނީ ރަނގަޅު ގޮތް ސާފުކޮށްދިނުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވެސް ފާޑުކިޔައިފަ އެވެ. އޮކްޓޯބަރު 7 ގެ ބޮޑު ކުރިމަތިލުން ސިފައިންގެ އެހީއާ އެކު ނިމުމަކަށް އައި ނަމަވެސް މައްސަލަ ހައްލުވީ ކަމަކަށް ނުބެލެވެ އެވެ. ގާނޫނީ ގޮތުން ހަރުކަށި އަދަބުތަކަކާ ދިމާއަށް 50 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ އިރު އެއީ އެތައް އާއިލާއެކެވެ. އެތައް ކަރުނައެކެވެ. އެތައް ވޭނެކެވެ. މީގެ ހަތަރު ފަސް އަހަރު ކުރިން ހިމަންދޫ އަށް ދިޔަ މީހަކަށް ފެންނާނީ އެކުވެރި، ހިތްހެޔޮ ބައެކެވެ. އެކަމަކު މިހާރު އެރަށަށް އަރައިފިއްޔާ ގޮތް ހުސްވެފައި ތިބި، އެހީގެ އަތެއް ދިއްކޮށްލެވޭނެ ހާލަތު ވެސް ނެތް އެތައް ބަޔަކު ފެނުން އެކަށީގެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ