އެކަނިވެރި މައިންނަށް އެހީވަނީ ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާ އިން: ތަރުޖަމާން

ސަރުކާރު ބަޖެޓުގެ ބޭރުން، އެކަނިވެރި މައިންނަށް ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އެހީ ދެއްވަނީ ހެޔޮއެދޭ ފަރާތްތަކުން ދޭ ފައިސާ އިން ކަމަށް ސަރުކާރުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ. އެކަނިވެރި މައިންގެ ބެލެނިވެރިކަމުގައި ތިބި 18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށް 1،000ރ. ގެ މަގުން މުލިއާގޭގައި ފައިސާ ދޫކުރަން ބުދަދުވަހު ވަނީ ފަށައިފަ އެވެ. އެދުވަހު އެކަނި ވެސް 125 މަޔަކަށް 200،000 އަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ. ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަންގެ އެކަނިވެރި މައިންގެ ލިސްޓުގައި 3،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެ އެންމެންނަށް މަދުވެގެން އެއް ކުއްޖެއްގެ ނިސްބަތުން ރައީސްގެ ދެކަނބަލުން އެހީވާ ނަމަ އެއީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު އެހީތެރިކަމެކެވެ. އެކަނިވެރި މައިންނަށް އެހީވާން ރައީސްގެ ދެކަނބަލުން ފައިސާ ހޯއްދެވި ގޮތާ މެދު ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއާޒް ވިދާޅުވީ އެހީ ދެއްވުމަކީ އެ ދެ ބޭފުޅުން އަލަށް ކުރައްވާ ކަމެއް ނޫން ކަމަށެވެ. މީގެ ކުރިން ވެސް އެކި ފަރާތްތަކަށް ރައީސްގެ ދެކަނބަލުން އެހީ ދެއްވާފައި ވަނީ ހެޔޮއެދިވަޑައިގަންނަވާ ގިނަ ބައެއްގެ އެހީތެރިކަމާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ބޭއްވި އާއިލީ ހަވީރުގައި ކުއްޖަކާ ސަލާމްކުރައްވަނީ ---ފޮޓޯ: ރައީސް އޮފީސް "އެކި ފަރާތްތަކަށް އެކި ގޮތްގޮތުން ރައީސްގެ ދެކަނބަލުން އެހީތެރިވެދެއްވާފައިވޭ. ކުޑަކުދިންގެ ހަވީރުތަކާއި އެ ނޫން އިވެންޓްތައް ވެސް ބާއްވާފައި ވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމުގައި. ދީލަތި ފަރާތްތަކުން ވެދެއްވާ އެހީ ރައީސްގެ ދެކަނބަލުން ފޯރުކޮށްދެއްވަނީ މުޖުތަމައުގައި އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް،" މުއާޒް ވިދާޅުވި އެވެ. ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިޖުތިމާއީ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ އެއީ މުޖުތަމައުގެ ފައިދާ އަށް ހެޔޮ ނިޔަތުގައި ކުރައްވާ ކަންކަން ކަމަށެވެ. އަދި އެއިން ކަމަކަށް ސަރުކާރުގެ ބަޖެޓުން ހޭދަނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުސާރައިގެ ގޮތުގައި ރައީސް ނަންގަވަނީ 100،000ރ. ގެ ތެރެއިން މަހަކު 50،000ރ. ކަން ވެސް މުއާޒް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަނިވެރި މައިންގެ ތެރެއިން އެހީ ހޯދަން ގުޅުމަށް 3346277 ހޮޓްލައިން ވަނީ ގާއިމްކޮށްފަ އެވެ. މި މަހުގެ 10 ގެ ކުރިން އެ ނަމްބަރަށް ގުޅައި އެހީ ހޯދުމުގެ ކަންކަން ކުރިއަށް ގެންދަން އޭނާ އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ