ޓޫރިޒަމާއި ވިޔަފާރީގެ ބޮޑު މައުރަޒު ފަށައިފި

އަހުމަދު ސައީދު
އާޓްލައިން ޑިޒައިން ސާވިސް އިން އިންތިޒާމު ކޮށްގެން އަހަރަކު އެއް ފަހަރު ބާއްވާ ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ރަސްމީ ވިޔަފާރި ފެއާ، "މޯލްޑިވްސް ހޮޓެލް އެންޑް ޓްރޭޑް އެގްޒެބިޝަން 2004" މިއަދު ދަރުބާރު ގޭގައި ފަށައިފި އެވެ.
ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ 50 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވެގެން ރާއްޖޭގެ އަމިއްލަ ފަރާތަކުން ތިން ދުވަހުގެ މުއްދަތަށް ބާއްވާ އެންމެ ބޮޑު ވިޔަފާރި މައުރަޒު ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މުސްތަފާ ލުތުފީ އެވެ.
ލަންކާ އާއި އިންޑިޔާގެ އިތުރުން ސިންގަޕޫރުގެ ކުންފުނިތަކުން ވެސް ބައިވެރިވެފައިވާ މި ފެއާގައި ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގެ ތަފާތު އުފެއްދުންތައް ބައިވެރި ކޮށްފައި ވެ އެވެ. ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް އަމާޒުކޮށްގެން ބާއްވާ މި ފެއާގައި އާންމު ބޭނުންތަކަށް ބޭނުންކުރާ ތަފާތު މުދަލާއި މެރިން އުފެއްދުންތަކާއި އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބައެއް އުފެއްދުންތަކާއި ތަފާތު ހިދުމަތްތައް ދޭ ކުންފުނިތަކުން ވެސް ބައިވެރިވެފައި ވެއެވެ. މިގޮތުން ގޭތެރޭގަައި ހިފާ ގެންގުޅޭ ސާމާނުން ފެށިގެން ގެދޮރު ޒީނަތްތެރިކޮށް އިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި މޭވާ އާއި ތަރުކާރީ އާއި ކާބޯތަކެތީގެ އުފެއްދުންތަކާއި އަދި އައިނާއި ކަސްރަތު ކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓްގެ އިތުރުން އިލެންކްޓްރޯނިކްސް އުފެއްދުންތަކާއި ތަފާތު މެޝިނަރީ ވެސް ބައިވެރިކޮށްފައި ވެ އެވެ. ބާޒާރަށް ވަރަށް ފަހުން ތައާރަފުކުރި އުފެއްދުންތަކާއި މުޅިން އަލަށް ތައާރަފުކުރާ އުފެއްދުންތައް ވެސް މި ފެއާގައި ހިމެނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން ފެއާ އިން ނުވަ ސްޓޯލް ނަގާފައިވާއިރު އެތަނުން މައިގަނޑު ގޮތެއްގައި ވިއްކާ ހުރިހާ އުފެއްދުންތަކެއް ފެއާގައި ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ބޮޑެތި ވިޔަފާރި ކުންފުނިތަކުން ވެސް ސްޓޯލްތައް ބައިވެރި ކޮށްފައި ވެއެވެ. ކުރިން ވެސް ރާއްޖޭގައި ބާއްވާ މި ފަދަ ފެއާތަކުގައި ބައިވެރިވެފައިވާ ބޭރުގެ ގިނަ ކުންފުނިތަކުން ވެސް ބައިވެރިވެފައިވާކަން ފާހަގަ ކުރެވެ އެވެ.
"އެހެން ފަހަރުތަކާ ހިލާފަށް ޖާގައިގެ ތާށިކަން މި ފަހަރު ކުޑަވުން އެއީ ވަރަށް ގިނަ ހިތްހަމަ ޖެހޭ ކަމަކަށް ވާނެ،" މިއަދު ފެއާ އަށް ޒިޔާރަތްކުރި ވިޔަފާރިވެރިއަކު ބުންޏެވެ.
"ވިޔަފާރިވެރިން އެއް ތަނަކުން ބައްދަލުވެ އެ މީހުންގެ ހިޔާލުތައް ބަދަލު ކުރުމަށް ލިބޭ ފުރުސަތަކަށް މި ފެއާ ވާނެ،" ދިވެހި ވިޔަފާރވެރިންގެ ގައުމީ ޖަމިއްޔާގެ ރައީސް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭގެ 00: 7 ގެ ނިޔަލަށް ބާއްވާ މި ފެއާ އަށް 000' 4 ވުރެ ގިނަ މީހުންނަށް، އާޓްލައިނުން ވަނީ ދައުވަތު ދީފަ އެވެ. އަދި ބުރާސްފަތި ދުވަހު އާންމުންނަށް ފެއާ އަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި ފެއާ އަށް ދައުވަތު ދީގެން ޒިޔާރަތްކުރާ މީހުންނާއި ވިޔަފާރިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ލަންޑަނަށް ދަތުރުކުރުމަށް ސްރީލަންކަން އެއާލައިންސުން ދެކޮޅު ޓިކެޓް ހުށަހަޅާފައި ވެއެވެ. އާޓްލައިނުން ތިން ވަނަ ފަހަރަށް ބާއްވާ މި ފެއާގެ މެއިން ސްޕޮންސާއެއްގެ ގޮތުގައި ދިރާގު ހަމަޖައްސާފައިވާއިރު މި ފެއާގެ ރަސްމީ ނޫހަކީ "ހަވީރެ"ވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ