މަސްވެރިންނަށް ސަބްސިޑީ ނުދޭ ސަބަބުން ބަލަން ފޮނުވި ސިޓީ އަށް ފިނޭންސުން ޖަވާބެއް ނުދިން: މަޖިލީހުގެ އިދާރާ

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި މަސްވެރިންނަށް ދޭން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ތެލުގެ ސަބްސިޑީ މިހާތަނަށް ދޫނުކުރާ ސަބަބު އޮޅުންފިލުވުމަށް ޓަކައި ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ސިޓީގެ ޖަވާބު އެ މިނިސްޓްރީން މިހާތަނަށް ދީފައި ނެތް ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ ނާއިބު ރައީސް އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް ވިދާޅުވީ މަސްވެރިންނަށް ސަބްސިޑީ ދޫކުރާނެ އުސޫލުން ކަނޑައަޅައި އެ ސަބްސިޑީ ދޫކުރަމުން ގެންދިއުމަށް ސަރުކާރަށް އަންގާފައިވީ ނަމަވެސް މިހާތަނަށް އެ ފައިސާ ދޫނުކުރާ ސަބަބު އޮޅުންފިލުވުމަށްޓަކައި ފިނޭންސަށް ސިޓީ ފޮނުވީ މިދިޔަ މަހުގެ 21 ގައި ކަމަށެވެ. އެކަމަކު އެ ސިޓީ އަށް ޖަވާބެއް ދިނުމަށް މަޖިލީހުން ކަނޑައެޅި ދެ ދުވަހުގެ ތާރީހު ފަސްވިއިރު ވެސް ފިނޭންސް މިނިސްޓްރީން އެކަމާ އަޅާލާފައި ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މަސްވެރިންނަށް ސަބްސިޑީ ދޫނުކުރާ ސަބަބު އޮޅުންފިލުވުމަށްޓަކައި މަޖިލީހުން ފިނޭންސަށް ސިޓީ ފޮނުވިއިރު ފިޝަރީޒް މިނިސްޓްރީ މަޖިލީހަށް އަންގާފައިވަނީ މަސްވެރިންނަށް ބެހުމަށް ބޭނުންވާ ފައިސާ މިހާތަނަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފައި ނެތް ކަމަށާއި އެހެން އެކަން ވެފައި ވަނީ ދައުލަތުގެ އާމްދަނީގެ ހާލަތު ހުރި ގޮތުން، އެހާ ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރެވެން ނެތިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އަދި ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ ސަބްސިޑީ ދޫކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވީ ނަމަވެސް އެކަން އަމަލީ ގޮތުން ނުފެށޭ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ފިޝަރީޒުން ބުނެފައި ވަނީ ސަބްސިޑީ ދޫކުރުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން މިހާތަނަށް ދީފައި ނެތުމެވެ.
މަޖިލީހުގެ ސިޓީ އަށް ފިނޭންސުން ޖަވާބު ނުދިން މައްސަލާގައި ވަކި ގޮތެއް ނިންމަން މިހާރު ދަތިވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. ސަބަބަކީ ބޮޑު ދެ ޕާޓީގެ ހިޔާލު ތަފާތުވުންތަކާ ގުޅިގެން މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައި ވުމެވެ.
މިހާތަނަށް މަޖިލީހުގައި ކަންކަން ކޮށްފައިވާ ގޮތަށް ބަލާއިރު މަޖިލީހުން އަންގާ އެންގުމަކަށް ދައުލަތުގެ މުއައްސަސާއަކުން އަމަލު ނުކުރާނަމަ މަޖިލީހުން އެދޭ ލިޔުންތަކެއް ފޮނުވައި ދިނުމަށް މަޖިލީހުގެ ރައީސް އަމުރެއް ނެރުއްވަ އެވެ.
މަސްވެރިންނަށް ސަބްސިޑީ ދޫނުކުރާ މައްސަލާގައި މާލޭގައި ވަނީ ދާދިފަހުން މަސްވެރިންގެ ބަޔަކު މުޒާހަރާ ވެސް ކޮށްފަ އެވެ. އަދި މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާ ދިނުމަށްޓަކައި ސިޔާސީ މަގާމުތަކުގެ މުސާރައިގެ 75 ޕަސެންޓް ކެނޑުމަށާއި މަސްވެރިންގެ ސަބްސިޑީ ވަގުތުން ދިނުމަށް ގޮވާލާ ގަރާރެއް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
މަސްވެރިންނަށް ސަބްސިޑީ ދޫކުރުމުގެ ކަންތައްތައް ސަރުކާރުން މިހާތަނަށް ވެސް ފަށާފައި ނުވާތީ އެ ފައިސާ 21 ދުވަހުގެ ތެރޭގައި ނުދީފި ނަމަ ކޯޓު މެދުވެރިކޮށް އެ ފައިސާ ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ އިންޒާރު ގައުމީ ޕާޓީން ވަނީ މިދިޔަ މަހުގެ 16 ގައި އެވެ.
މަސްވެރިންނަށް ސަބްސިޑީ ދޫކުރުމުގެ ކަންތައްތަކުގައި ސަރުކާރުން އެންމެ ފަހުން ބުނެފައިވަނީ ބޮޑަށް ބުރަވަނީ ކޮންމެވެސް ޕްރޮޖެކްޓެއްގެ ތެރެއިން އެ ސަބްސިޑީ ދޫކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ