މިޔަރުގެ މަސްވެރިކަން ހުޅުވާލެވޭނީ އާބާދީ އިތުރުވިކަން ޔަޤީންވެގެން: މިނިސްޓަރ ޒަހާ

މިޔަރުގެ މަސްވެރިކަން ހުޅުވާލެވޭނީ އާބާދީ އިތުރުވިކަން ޔަޤީންވެގެންކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ފެށީ 1970 ގެ އަހަރުތަކުތެރޭގައެވެ. 2000ގެ އަހަރުތަކުގައި މިޔަރުގެ މަސްވެރިކަން ވަރަށް ބޮޑަށް ހީނަރުވެގެންދިއުމާއި ގުޅިގެން 2010 ވަނަ އަހަރު މުޅި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރިއެވެ.
މިޔަރުގެ މަސްވެރިކަމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރ ޒަހާ ވިދާޅުވީ، މިޔަރުގެ ސަބަބުން އުނދަގޫވާކަމަށް ބުނެ ތަފާތު އެކި ގޮތްގޮތަށް މަސްވެރިންގެ ކިބައިން ޝަކުވާތައް އަންނަކަމަށެވެ. ނަމަވެސް މިޔަރުގެ ސަބަބުންވެސް މަސްވެރިކަމަށް ފައިދާކުރާ ފަހަރުވެސް އަންނަކަމަށެވެ. އެގޮތުން މިޔަރަކީ އައިން ހިފަހައްޓައިދޭ އެއްޗެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިޔަރުގެ އާބާދީ ގިނަވެއްޖެޔޭ ކިޔާފައި ވަރަށް ގިނަ ބަޔަކު ޝަކުވާކުރޭ. އެކަމަކު މިޔަރުވެސް ހިމާޔަށްކޮށްފަ އެއޮތީ ގުދުރަތީ ވެށީގައި މިޔަރަކީވެސް ދިރިދެމިތިބެންޖެހޭ އެއްޗެއް. އެހެން ޤައުމުތަކުން ނެތިގެން ގޮސްފައިވާ އެއްޗެއް މިޔަރަކީ. މިޔަރުގެ ސަބަބުން މަސްވެރިކަމުގައިވެސް އެބަހުރި ވަރަށް މަންފާ ލިބޭ ކަންތައްތައް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
މިނިސްޓަރ ޒަހާ ވިދާޅުވީ، މިނިސްޓްރީން މިޔަރުގެ އާބާދީ ބެލުމަށް ހެދި ދިރާސާތަކުން މިޔަރު އިތުރުވިކަން އަދި އިނގެންނެތްކަމަށެވެ. އެހެންކަމުން މިޔަރުގެ މަސްވެރިކަން ހުޅުވާލެވޭނީ އާބާދީ އެވަރަށް އިތުރުވެއްޖެކަން ޔަޤީންކަމާއިއެކު އެނގިގެންކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް ހެދިފަހުރި ދިރާސާތަކުން އަދި ވީޑިއޯ ފޫޓޭޖް ނެގުމަށް ލައިގެންވެސް އެއިގެން ނުފެނޭ އިނގޭތޯ މިޔަރު އިތުރުވެގެންއުޅޭ އަދަދުތަކެއް އެހެން ޤައުމުތަކާއި އަޅާބަލާއިރު. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ބަދަލުވެއްޖެ. ވަރަށް ގިނަ ރަށްރަށުގައި ޑަސްޓްބިން ބަންޑުންޖަހާތަނަށް މިޔަރު އަންނާނެ އިނގޭތޯ. ކޮންމެ ދުވަހަކު ހަމަ އެގަޑިއަކަށް އަންނާނެ އަދި ރިސޯޓްތަކުގައި މިޔަރަށް ކާންދޭތީ އެގަޑިއެއް ޖެހެންވާއިރަށް އާދޭ. އެހެންވީމަ މިޔަރުގެވެސް ބިހޭވިއަރަލް ޗޭންޖަސްތަކެއް އެބައާދޭ. މިޔަރުގެ މަސްވެރިކަން ހުޅުވާލާކަމަށްވަންޏާޖެހޭނީ އާބާދީ އެވަރަށް އިތުރުވެއްޖެތޯ ފެނިގެން ނޫނިއްޔަކާ އަޅުގަނޑުމެންނަކަށް އެކަމުގަ ކުރިއަކަށް ނުދެވޭނެ." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
ޒަހާ ވިދާޅުވީ، ފަތުރުވެރިން ރާއްޖެ އަންނަ ސަބަބުތަކުގެ ތެރޭގައި މިޔަރު ބަލާލުން ހިމެނޭކަމަށެވެ. އެހެންކަމުން މިޔަރު އޭގެ މާހައުލުގައި ދެމިއޮތުމަށް ފުރުސަތު ދިނުމުން ރާއްޖެއަށް އިޤްތިޞާދީގޮތުން ލިބޭ މަންފާ ބޮޑުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިޔަރު އިތުރުވާތީ މަސްވެރިކަމުގައި އުނދަގޫވާކަމަށް ބުނެ ބާނާމަހުގެ އެއްބުރި ކާލާފައި ހުންނަ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި މަސްވެރިން އަންނަނީ ހިއްސާކުރަމުންނެވެ. މިޔަރުގެ އުނދަގޫ ބޮޑުކަންނެލީގެ މަސްވެރިކަމުގެ އިތުރުން ފަރުމަހުގެ މަސްވެރިކަމަށްވެސް ދިމާވެއެވެ.
މިޔަރުގެ އާބާދީއަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާއިރު، މި މަސައްކަތުގައި ދޯނިފަހަރަށް އަރައިގެން މިޔަރުގެ ސަބަބުން މަސްވެރިކަމަށް ކުރާ އަސަރު ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިޔަރުގެ އުނދަގޫ ދިމާވަނީ ކޮން ބާވަތެއްގެ މިޔަރެއްގެ ސަބަބުންތޯ ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2003 ވަނަ އަހަރު މިޔަރު މަސްވެރިކަމުގައި ހަރަކާތްތެރިވީ 528 މީހުންނެވެ. 2007 ގައި މިއަދަދު ވަނީ 184 ދަށްވެފައެވެ. މިޔަރު އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ 2003 ގައި 14.626 މިލިއަން ރުފިޔާގައި ހުރިއިރު މިއަދަދު 2007 ގައި ވަނީ 3.26 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ