މާޒިޔާ މޮޅުވިއިރު ޓީސީ އިން ފަހު ވަގުތު ހިތްވަރުކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ އިން 2-1 ގެ ހަނި ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ބޮޑު ފަރަގެއް އޮތް މާޒިޔާއާ ދެކޮޅަށް ޓީސީ އިން ވަނީ ފަހު ވަގުތު ހިތްވަރުކޮށް ގޯލެއް ޖަހައިފަ އެވެ. އެކަމަކު މުޅި މެޗުގައި މޮޅަށް ކުޅުނު މާޒިޔާ އިން ވަނީ އާ ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެ ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.
ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ހަ މެޗުން ލިބުނު 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ފަސް މެޗުން 11 ޕޮއިންޓް ހޯދާފައިވާ ކްލަބް ވެލެންސިއާ އެވެ. ޓީސީ ސްޕޯޓްސް ކްލަބަށް ހަ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ.
ސަސްޕެންޝަނުގެ ސަބަބުން ހަމްޒާ މުހައްމަދު (ހަމްޕު) ނުލައި މާޒިޔާ އިން ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި މިއަދު ވަނީ އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ހިމަނައިފަ އެވެ. މެޗުގައި ފުރަތަމަ ހަމަލާ އުފެއްދީ ޓީސީ އިންނެވެ. 12 ވަނަ މިނެޓުގައި ޓީސީގެ މެލްކޮމް ކެސިއަސް ސްޓެވާޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ ބޯޅައިގައި އުފެއްދި ހަމަލާއެއްގައި މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް ފޮނުވާލި ބޯޅައެއް އޭރިޔާ ތެރޭގައި ހުރި ޓީސީގެ ސްރީ ލަންކާގެ ޑިފެންޑަރު ޔޮގެންދަރަން ޑަކްސަންގެ އަތުގައި ޖެހުމުން ރެފްރީ ވަނީ މާޒިޔާ އަށް ޕެނަލްޓީއެއް ދީފަ އެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސްޓެވާޓް އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު ވެސް ޖެހީ ސްޓެވާޓް އެވެ. އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ގެ އެހީތެރިކަމާ އެކު ސްޓެވާޓް މި ގޯލު ޖެހީ 74 ވަނަ މިނެޓުގަ އެވެ. ދެ ގޯލުގެ ފަހަތުގައި އޮތުމުން ކުރިއަށް ޖެހިގެން ކުޅެ ޓީސީން ވަނީ މާޒިޔާގެ ގޯލަށް ނުރައްކާކޮށްފަ އެވެ. މިގޮތުން ފޯވާޑް އިބްރާހީމް އަތީގް ހަސަން ފޮނުވާލި ބޯޅައެއް މާޒިޔާގެ ކީޕަރު ހިފެހެއްޓިއިރު އޭގެފަހުން ކެސިއަސް ބޮލުން ޖެހި ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވި އެވެ. ޓީސީގެ ހަމައެކަނި ގޯލު ކޯނަރަކުން އުފެއްދި ހަމަލާއެއްގައި މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑަކްސަން އެވެ.
މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މިއަދުގެ އަމާޒަކަށްވީ މަދުވެގެން ޕޮއިންޓެއް ހޯދުން ކަމަށާއި، އެކަން ހާސިލްނުވުމުން ލިބުނު ހިތްހަމަޖެހުމެއް ނެތް ކަމަށެވެ. އެކަމަކު ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ވަރަށް ރަނގަޅުކަން ޝާޒް ފާހަގަކުރި އެވެ.
“ވަރަށް ބޮޑަށް ގޭމްޕްލޭން އެއްކޮށްކަހަލަ ގޮތަކަށް ހަލާކުވެގެން ދިޔަ ފުރަތަމަ ކޮޅު ލިބުނު ޕެނަލްޓީ އިން. އެއީ ވަރަށް ނަސީބު ޕެނަލްޓީއެއް. ދެން ގިނަ ފަހަރަށް ނަސީބާ ހުރިހާ ކަމެއް ވެސް މި އަންނަނީ ވަރަށް ގިނަ ކަންކަން ފުރިހަމަވެގެން. މާޒިޔާ އަކީ ވަރަށް ކޮމްޕްލީޓް ޓީމެއް. މިއަދުގެ މެޗުގައި ރިޒަލްޓް މާޒިޔާ ކޮޅަށް އެނބުރިފަ އެވަނީ ނަސީބުން” ޝާޒް ބުންޏެވެ.
މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މެޗު ވަރަށް އުނދަގޫވި ކަމަށާއި ސަބަބަކީ ފުރަތަމަ ހާފުގައި މާބޮޑަށް ހޫނުވުމާއި ދަނޑުގެ ވިނަގަނޑުގެ މައްސަލަ ކަމަށެވެ. ފުރަތަމަ ހާފުގައި މާޒިޔާގެ ގޭމް ކުޅެން އުނދަގޫވި ނަމަވެސް ދެ ވަނަ ހާފުގައި އެޓީމުގެ ކުޅުން ރަނގަޅުވި ކަމަށް ކޯޗު ބުންޏެވެ.
“ހޫނުވުމުގެ ސަބަބުން ދެޓީމަށް ވެސް ކުޅެން އުނދަގޫވި. އަހަރެމެންނަށް މޫސުން ބަދަލެއް ނުކުރެވޭނެ. މިއީ މެޗު ކުޅެން އެންމެ ރަނގަޅު ހާލަތެއް ނޫން. ދަނޑުގެ ވިނަގަނޑު ވެސް އެންމެ ރަނގަޅެއް ނޫން. އެހެންވެ މެޗު އެހާ ފަސޭހައެއް ނޫން ކުޅެން” މާޒިޔާގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ދަނޑުގެ ވިނަގަނޑާ ގުޅޭގޮތުން މީގެ ކުރިން ވެސް ޝަކުވާ ކޮށްފައިވާ ކޯޗު ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ