ހުޅުމާލޭ 704 ފްލެޓަށް ފައިސާ ދެއްކުމަށް ލުޔެއް

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ 704 ހައުސިން ޔުނިޓަށް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދީފިއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ 704 ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކޭ ފަރާތްތަކަށް ނުދެއްކި ހުރި ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި މިނިސްޓްރީ ގައި އެދެމުންދާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ނުދެއްކި ހުރި ފައިސާ އާއި ޖޫރިމަނާ، ސެޓްލްމެންޓް އެއްބަސްވުމެއްގެ ދަށުން ހަ މަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. މިނިސްޓްރީ އިން ބުނީ ފައިސާ ދެއްކުމުގައި ލުއި ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އައިޑީ ކާޑު ކޮޕީއާއި ފްލެޓް ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރު އެނގޭނެ ގޮތަށް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ. އަދި ގަވައިދުން ފައިސާ ދައްކާފައި ނުވާ ފަރާތްތަކުގެ ތެރެއިން، މި ހަ މަސް ދުވަހުގެ ލުޔަށް އެދި ހުށަނާޅާ ފަރާތްތަކާއި،ހަ މަސް ދުވަހުގެ ލުއި ހޯފުމަށް އެދި ހުށަހެޅުމަށްފަހު ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު، ފްލެޓް ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ