އީރާނުން ކޮވިޑް ވެކްސިން ގަންނަން ބޭނުންވާ ފައިސާ ގައުމުން ބޭރަށް ފޮނުވަނީ

ކޮވިޑް ވެކްސިން ގަތުމަށްޓަކައި ގައުމުން ބޭރަން ފައިސާ ފޮނުވަން އީރާނަށް ފުރުސަތު ލިބިއްޖެ އެވެ. އެމެރިކާއިން ވަނީ މިކަން ހަމަޖައްސައިދީފަ އެވެ.
އީރާންގެ ސެންޓްރަލް ބޭންކް ގަވަރުނަރު، އަބްދުލްނާސިރު ހައްމަތީ ވެސް ވަނީ މިކަން ކަށަވަރުކޮށް ދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްވިސް ބޭންކަށް ފައިސާ ފޮނުވަން، އެމެރިކާގެ ޓްރެޒަރީސް އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލްއިން އެހީތެރިވަމުން އާދެ އެވެ.
"އެމެރިކާއިން ވަނީ އަހަރެމެންގެ ހުރިހާ ބޭންކަކަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފަ" ގަވަރުނަރު ވިދާޅުވި އެވެ. "ހުއްދަ ދެއްވީ އެންމެ ބޭންކަކަށް"
އީރާނަށް ހުއްދަ ދިނީ ކޮން ޝަރުތެއް އަދި ކިހިނެއްކަން ވެސް އެމެރިކާއިން އަދި ނުބުނެ އެވެ. އެމެރިކާއިން އަދި މިކަމާ ވާހަކައެއް ނުދައްކަ އެވެ.
ހައްމަތީ ވިދާޅުވީ އީރާނުން ހަރަދު ކުރާނީ ކޯވެސްއަށް ކަމަށެވެ. އެގޮތުގައި 16.8 މިލިއަން ޑޯޒަށް 244 މިލިއަން ޑޮލަރު ދައްކާނެ ކަމަށެވެ.
އީރާނަށް ކޮވިޑް ވެކްސިން ލިބުން ދަތިވެފައި ވަނީ އެމެރިކާ އޮފިޝަލުން އުނދަގޫ ކުރާތީ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. ދުނިޔޭގައި ހިންގާ މިޒާތުގެ އެއްވެސް ޕްރޮގްރާމެއްގައި އީރާނަށް ހިއްސާ ނުވެވިފައި ވަނީ އެމެރިކާއާ ހެދި ކަމަށް ވެސް އީރާނުން ބުނެ އެވެ.
އީރާނުން ބުނީ ގައުމުން ބޭރުން ގެނަން ކޮވިޑް ވެކްސިން ރިވޮލޫޝަނަރީ ގާޑުންނަށް ނުދޭނެ ކަމަށެވެ. އަދި ސިފައިންގެ ފައުޖުތަކަށް ވެސް ނުދޭނެ ކަމަށެވެ.
ހެލްތު މިނިސްޓްރީ އޮފިޝަލަކު ގައުމީ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފާއިތުވަމުންދާ 24 ގަޑިއިރު ތެރޭގައި ވެސް 152 މީހުން ކޮވިޑްގައި މަރުވެއްޖެ ކަމަށެވެ. އަދި މިހާތަނަށް 54،308 މީހުން މަރުވެފައިވާ ކަމަށް އީރާނަކީ މެދުއިރުމަތީގައި ކޮވިޑްގެ ހާލަތު އެންމެ ދަށް ގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ