ރައީސް ޔާމީން ޖަލުގައި ބޭއްވުމަކީ އެމްޑީޕީއަށް ކުރެވޭނެ އެންމެ ކޮސް ކަންތައް: މުންދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ދިގު މުއްދަތަކަށް ޖަލަށް ލައްވައިގެން އުޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުން މަޖިލިހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އަދި އެމްޑީޕީއަށްވެސް ކުރެވޭނެ އެންމެ ކޮސް ކަންތައް ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމްގެ މާލެ އޮފީހާއި ރ.އަލިފުށީ ޕީޕީއެމެ ގުޅުވާލައިގެން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނަވާތާ 400 އަށްވުރެ ގިނަ ދުވަސްވުމަކީ ވަރަށް ހިތްދަތި އިހުސާސްތަކެއް ކުރެވޭ އަދި ހިތާމަވެރިކަން ވެރިކުރުވާ ކަމެއް ކަމުގައެވެ. ނަމަވެސް ސިޔާސީ ގޮތުން ބަލާއިރު ރައީސް ޔާމީން ޖަލުގައި ބޭއްވުމަކީ އެމްޑީޕީއަށް އަދި ޚާއްޞަކޮށް ރައީސް ސޯލިހަށާއި މުޙައްމަދު ނަޝީދަށްވެސް ކުރެއްވޭނެ އެންމެ ކޮސް ކަންތައް ކަމުގައި މުންދު ވިދާޅުވިއެވެ.
މުންދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރައީސް ޔާމީނު ފަދަ ވަރުގަދަ ލީޑަރުންގެ ތާރީޚަށް ބަލާއިރު މިފަދަ ގޮތްގޮތުން އަނިޔާވެރިކަން ކުރިމަތިވެވަޑައިގަތުމުން އެ ބޭފުޅުން އަނބުރާ ވަޑައިގަންނަވާއިރު އެ ބޭފުޅުންގެ ވިސްނުންފުޅާއި ތަޞައްވުރާއި އެ ބޭފުޅުންގެ ޤަބޫލުކުރެއްވުންތަކަށް ގެންނަވާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް އައިސްފައިވާ ބަދަލުތައް ބޮޑު ކަމުގައެވެ. އެގޮތުން އެ ފަންތީގެ ލީޑަރުން އަދި ތަނަވަސް ފިކުރުގެ ބޭފުޅުންނަށް ފުރުޞަތު ލިބިވަޑައިގަންނަވަނީ ކަންކަމާމެދު ތަފާތު ގޮތްތަކުން ވިސްނަވަން ކަމުގައެވެ.
އަދި ރައީސް ޔާމީނަކީ ޙަޤީޤަތުގައިވެސް ރާއްޖޭގައި ހުންނެވި އެންމެ ޤާބިލު ލީޑަރު ކަމަށާއި، އެ މަނިކުފާނަކީ އެންމެ ތަފާތު ތަޞައްވުރެއް ގެންގުޅެއްވާ ބޭފުޅެއް ކަމަށާއި، އަދި ރާއްޖެއިން ފެނިގެންދާ ތަރައްޤީއަކީ ރައީސް ޔާމީނުގެ ތަނަވަސް ފިކުރުން އުފަންވި ކަންކަން ކަމަށްވެސް މުންދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ