4000 ހައުސިން ޔުނިޓްގެ އެޑްވާންސް ފައިސާ ދައްކައިފި

ހުޅުމާލޭގެ ފޭސް ދޭއްގައި 4000 ސޯޝަލް ހައުސިން ޔުނިޓު އިމާރާތް ކުރަން އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.
އެފްޑީސީ އާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއި ދެމެދު 2000 ހައުސިން ޔުނިޓު އިމާރާތް ކުރަން ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓަޑާއެކު 2000 ހައުސިން ޔުނިޓު އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާ ވެސް މިމަހު ދައްކާފައިވާ ކަމަށް ބުންޏެވެ.
ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތް ކުރާނެ އެވެ.
މި ދެ މަޝްރޫއުގެ ދަށުން ޖުމްލަކޮށް 4000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.
މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫއުތަކުގެ ގްރައުންޑް ފްލޯ އަދި ފަސްޓްފޮލޯގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕާކިން ޒޯނެކެވެ.
ކޮންމެ ޓަވަރެއް ވެސް ޑިޒައިންކޮށްފައި ވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭގޮތަށެވެ. އަދި ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ހިމަނައިގެންނެވެ. މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި އަށް ރެޒިޑެންޝިއަލް ޔުނިޓް ވެސް ހުންނާނެ އެވެ.
މި މަޝްރޫއު ހިންގަން އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން 228 މިލިއަން އެމެރިކާ ޑޮލަރު ދޫކުރަން ވަނީ ނިންމައިފަ އެވެ. އޭގެތެރެއިން 34 މިލިއަން ޑޮލަރު މިހާރު ވަނީ ދޫކޮށްފަ އެވެ.
އެފްޑީސީއިން މިހާރު ދަނީ މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ