ގެރެންޓީއެއް ނެތި އެޑްވާންސް ފައިސާ ދެވޭ ގޮތް ހަދައިފި

ދައުލަތުގެ ބައެއް މަޝްރޫއުތަކުގައި ގެރެންޓީއަކާ ނުލައި އެޑްވާންސަށް ފައިސާ ދެވޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހުކޮށްފި އެެވެ.
މާލިއްޔަތު ގަވައިދަށް ގެނައި ހަވަނަ އިސްލާހު ގެޒެޓްކޮށް އިއްޔެ ވަނީ އަމަލުކުރަން ފަށާފަ އެވެ.
އިސްލާހުގައި ބުނެފައިވަނީ ބީލަމަށް ނުލާ ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދިނުމުގައި ފިނޭންސް މިނިސްޓަރުގެ ހުއްދައާ އެކު އެޑްވާންސް ޕޭމަންޓް ގެރެންޓީ އެއް ނެތި ފައިސާ ދޫކުރެވިދާނެ ކަމަށެވެ.
ގެރެންޓީއަކާ ނުލައި އެޑްވާންސް ފައިސާ ދޫކުރެވޭ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތެއް ބިޑްކުރުމަކާ ނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޖޭންޖްގައި ލިސްޓްކޮށްފައިވާ ބަޔަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކެވެ. އެފަދަ މަޝްރޫއުތައް ހަވާލުކުރާއިރު އެ މަޝްރޫއުގެ އަގާއި، ބާވަތާއި، މަސައްކަތް ހަވާލުކުރާ ފަރާތުގެ މައުލޫމާތު ޓެންޑަ ބޯޑަށް ހުށަހެޅުމާ އެކު މިނިސްޓަރުގެ ލަފާ ވެސް ލިޔުމުން ހޯދަން ޖެހެ އެވެ.
އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރެވޭނީ ޕްރޮކިއުމަންޓް އަގުގެ 250،000 ރުފިޔާއަށް ވުރެ ބޮޑެތި އަދަދުތައް ހިމެނޭ މަޝްރޫއުތަކުގަ އެވެ. އެގޮތަށް ފައިސާ ދޫކުރެވޭނީ ވެސް މަޝްރޫއުގެ ޖުމްލަ އަގުގެ 15 ޕަސަންޓަށް ވުރެ ބޮޑު ނުވާ އަދަދަކަށެވެ. ހާއްސަ ހާލަތެއްގައި މިނިސްޓަރުގެ ހުއްދައާއި އެކު 15 ޕަސަންޓަށް ވުރެ ބޮޑުކޮށް ވެސް އެޑްވާންސް ފައިސާ ދޫކުރެވޭނެ ގޮތްތައް ގަވައިދުގައި ހިމަނާފައިވެ އެވެ.
މިއިސްލާހު ފިޔަވާ އިތުރު އިސްލާހެއް އިއްޔެ ގެޒެޓް ކުރި މާލިއްޔަތު ގަވައިދުގައި ހިމަނާފައެއް ނުވެ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ