ރައްޔިތުން އެދޭ ކަންކަން މި ސަރުކާރުން ކޮށްދޭނެ: ނައިބު ރައީސް

ރައްޔިތުންގެ އަޑުއަހާ ރައްޔިތުން އެދޭ ކަންކަން މި ސަރުކާރުން ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޙައްމަދު ރާޝީދުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ކޮމަންޑޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަގަހަ ޖަކްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެމް.ޑީ.ޕީގެ މެޖޯރިޓީއެއް އޮތުމުން އައު ސަރުކާރަށް ވައި ފައިދާ ވަރަށް ސާފުކޮށް އެބަފެނޭކަމަށެވެ. އަދި މީގެ ކުރިން 18 ވަނަ މަޖިލީހުގައިވެސް ރައްޔިތުންގެ މެޖޯރިޓީއެއް އޮވެގެން ސަރުކާރެއް ހިންގިކަމަށާއި، އެހެންނަމަވެސް އޭރާއި މިހާރުގެ ފަރަގު ތަފާތުކަމަށާއި، މެޖޯރިޓީ އޮވެމެ އޭރުގެ ސަރުކާރުން ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއްކުރިތޯ އެމަނިކުފާނު ސުވާލު އުފެއްދިއެވެ.
އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު އެންމެ ފުރަތަމަވެސް ފެށި މަސައްކަތަކީ އެޖެންޑާ-19ގެ ތެރެއިން ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ ފޮނިމީރުކަން ކައުންސިލްތަކާއި ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރިކުރުވުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ އަދިވެސް މި ދާއިރާ އިތުރަށް ކުރިއަރުވަންޖެހޭކަމަށެވެ.
މި ސަރުކާރަކީ ރައްޔިތުންގެ ވިންދުތައް ދަންނަ، ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރާ ސަރުކާރެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ހުރިހާކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކޮށްދެއްވަމުން ގެންދަވާކަމަށެވެ.
"އަޅުގަނޑުމެންނަށް ކޮމަންޑޫގައި ހިނގަމުންދާ މަސައްކަތްތައް އެބަފެނޭ. ފޯކައިދޫގައި ހިނގަމުންދާ މަސައްކަތައް ފެނޭ. މަރޮށީގައި ހިނގަމުންދާ މަސައްކަތްތައް އެބަފެނޭ. މިއީ ސަރުކާރެއް އޮތުމުގެ ބޭނުމަކީ. ސަރުކާރަކުން ރައްޔިތުން އެދޭނެ ހުރިހާކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެގެންދަވަނީ ކޮށްދެއްވަމުން. މިއަދު އަޅުގަނޑުމެންނަށް ބޭނުންވަނީ ހަލުވި ސްޕީޑެއްގައި ބާރަށް މަސައްކަތްތައް ކުރިއަށްގެންދަން" ނައިބު ރައީސް ވިދާޅުވިއެވެ.
ކޮމަންޑޫގެ ރައްޔިތުންނާއި މުޚާޠަބުކުރައްވާ ނައިބު ރައީސް ވިދާޅުވީ، ކޯވިޑް-19އާއެކު ކުރިމަތިވި އިޤްތިޞާދީ އަނދަވަޅުގެ ސަބަބުން ސަރުކާރުން އެންމެ ބޭނުންވި ގޮތަށް ކަންކަން ކުރުމުގެ ފުރުޞަތު ފާއިތުވި 2 އަހަރު ގެއްލިފައިވާކަމަށެވެ.
އެހެންނަމަވެސް ކޯވިޑްގެ ޙާލަތު މެނޭޖްކުރަމުން، ތަކެތީގެ އަގު އުފުލުނަނުދީ، ތަރައްޤީގެ މަޝްރޫޢުތައް މެދުކެނޑުނަނުދީ ސަރުކާރުން ހިންގާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީވެސް މި ސަރުކާރުގެ ހިންގުންތެރިކަމާއި މަސައްކަތްތެރިކަން ރައްޔިތުންނަށް ވަޒަންކޮށްލެވޭނެނ މިސާލެއްކަމަށް ނައިބު ރައީސް ވިދާޅިވިއެވެ.
މި ޖަލްސާގައި ނައިބު ރައީސް ފައިޞަލް ނަސީމްގެ އިތުރުން، ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޙައްމަދު ރާޝީދާއި، މަޖިލީހުގައި އެމްޑީޕީ ތަމްޞީލުކުރައްވާ ބައެއް މެންބަރުންވެސް ވަނީ ވާހަކަދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކޮމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ހެލްތު ސެންޓަރަށް ވަޑައިގެން އެތަނުގެ ޙާލަތު ވަނީ ބައްލަވާލައްވާފައެވެ. އަދި ކޮމަންޑޫގައި ސަރުކާރުން ކުރިއަށްގެންދާ ކޮމަންޑޫ ޝޯ-ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި، މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢު ކުރިއަށްދާ ސައިޓަށް ވަޑައިގެން، އެތަންތަން ބައްލަވާލައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ