2013 ގައި އުފައްދާނީ ޒުވާނުންނަށްޓަކައި އުފައްދާ ޕީޕީއެމްގެ ސަރުކާރެއް – ޔާމީން

ކޮލަމްބޯއިން އާދަމް ނަވާޒް
2013 ގައި އިރާދަކުރެއްވިއްޔާ އުފައްދާނީ ޒުވާނުންނަށްޓަކައި އުފައްދާ ޕީޕީއެމްގެ ސަރުކާރެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ ސުރީލަންކާގެ ކޮލަމްބޯގައި ޕީޕީއެމްގެ ޖަގަހައެއް މިރޭ ހުޅުވުމަށްފަހު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތައް ވަޑައިގެންނެވި ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި މުޙާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށް ސިޔާސީ ގޮތުން ނިންމަވާ ނިންމެވުމުގެ ސަބަބުން ފަހުން ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާނެ ކަމެއް ކުރިމަތިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި އެންމެ ކައިރިއަށް ގެންގޮސްދެވޭނެ ހަމައެކަނި ޕާޓީ އަކީ ޕީޕީއެމް ކަމަށާއި އެމްޑީޕީގެ ސިޔާސަތަކީ ކޮންމެ ކަމެއް ކުރިއަސް ވަރިހަމަ ސިޔާސަތެއް ކަމަށާއި ނަމަވެސް އެސިޔާސަތު ރާއްޖޭގައި ނުހިނގާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގައުމަކީ ކިތަންމެ ކުޑަގައުމެއް ކަމަށް ވީނަމަވެސް އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގްލާލް ދެމިމިއޮތީ އަޅުގަނޑުމެންނަކީ އިސްލާމީ ދައުލަތަކަށް ވާތީ އަދި އަޅުގަނޑުމެންގެ މިނިވަންކަމާއި އިގުިތިޞާދު ވަރަށް ވަރުގަދައަށް ރައްކާތެރި ކުރާ ބަޔަކަށް ވާތީ." ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރީ ލާންސް ސިޔާސަތުގައި އިގުތިޞާދު ހިންގަން ޒުވާނުންނަށް ފުރުސަތު ނުދޭނެ ކަމަށާއި އެމްޑީޕީގެ ސިޔާސަތު ހިންގަން އަންނާނީ ބޭރު މީހުން ކަމަށް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމް އިން އުފައްދަން ބޭނުންވަނީ ވަރަށް އޯގާތެރި މުޖުތަމައެއް ކަމަށާއި އަދި ބޭނުންވަނީ އިގުތިޞާދުގެ ފުރިހަމަ މަންފާ މިޒުވާނުންނަށް ލިބުންކަމަށް ޔާމީން ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ޔާމީން ތަކުރާރު ކުރެއްވެވިއެވެ.
"ތައުލީމީ ޒުވާނުން ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި އެންމެ ބޮޑެތި އެންމެ މަތީ ޔުނިވަސިޓީ ތަކުން މަތީ ފާސްތައް ނަގާ ޒުވާނުން ރާއްޖޭގައި މަދެއްނޫން. އެހެންވީމަ ކީއްވެގެންތޯ އަޅުގަނޑުމެން އުދުހެން ބޭނުން ހިސާބަށް އުދުހެން އަޅުގަނޑުމެންނަށް ދަތިވެގެން މިއުޅެނީ. އެކަން ނުވެގެން މިއުޅެނީ ވިސްނައިދޭ ސިޔާސަތުގެ ތަފާތު ކަމުން. އެސިޔާސަތު ތަފާތު ވީމަ ޒުވާނުން ގޯޅި އަޅައިގެން މިދަނީ."
"އަޅުގަނޑުމެން ޒުވާނުންނެއް ނުނެރޭނަން ތަންތަން ހަލާކުކުރާކަށް." ޔާމީން ވިދާޅުވިއެވެ.
"މިލެވޭ ވޯޓަކީ އަޅުގަނޑުގެމެންގެ ކޮއްކޮއަށް. އަޅުގަނޑުމެންގެ ދައްތައަށް. އަޅުގަނޑުމެންގެ މަންމައަށް. އަދި ދޮށީ ރައްޔިތުންނަަށް އިހްތިރާމްކޮށް ލާވޯޓަކަށް ހަދަމާތޯއޭ. އަދި ދިވެހި ރާއްޖޭގަ އަބަދުގެ އަބަދު އަޅުގަނޑުމެން މިދަންނަވާ މިނިވަންކަމާއި އިގުތިޞާދާއި އަދި ދިވެހިވަންތަ ސިފަތަކާއި. ދިވެހި ރާއްޖެގަ އޮންނަންވީ އިސްލާމްދީނާއި މިކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންލާ ވޯޓަކަށް ހަދަމާތޯއޭ."
"ވޯޓް މިލަނީ އާސަންދައިގެ ހާލަތު ރަނގަޅު ކުރަން. ވޯޓު މިލަނީ ޒުވާނުންނަކީ ގާބިލް ޒުވާނުންނަށް ހެދުމަށް. ވޯޓް މިލަނީ އަންހެނުންނަށް ލިބެންޖެހޭ ޙައްގުތައް އިއާދަ ކުރުމަށްޓަކައި. ވޯޓް މިލަނީ އިގުތިޞާދީ އަދި އިޖުތިމާއީ ހަރަކާތްތަކުގައި އަންހެނުންނަކީ އެންމެ ހިއްސާ ބޮޑު ބައެއްކަމަށް ހެދޭނެ ކަން ގަބޫލު ކުރާތީ. އަދި ވޯޓް މިލަނީ ހޮސްޕިޓަލަށް ދިއުމުން އައިވީ ފުޅިއެއްވެސް ލިބެންނެތް ހާލަތު ބަދަލުކުރުމަށް. މިއަދު ވޯޓް މިލަނީ މާދަމާ ވިހާ ކުއްޖާގެ ބޮލުގައި ވެސް އަޅުވާފަ މިއޮތް ދަރަނި ފިލުވާލުމަށް ގަދައަޅާ މަސައްކަތް ކުރުމަށް. ވޯޓް މިލަނީ މިނިވަން މުއްސަނދި ކާބަފައިން އަޅުގަނޑުމެނަށް ގެނެސްދިންފަދަ ރާއްޖެއަކަށް ހެދުމަށްޓަކައި."ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ