އެންމެ ކުޑަ އުޖޫރަ ގޮތުގައި 10،000 ރުފިޔާ ލިބެން ޖެހޭ: އަލްހާން

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މަސައްކަތް ކުރާ ކޮންމެ މީހަކަށްވެސް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި އެންމެ މަދުވެގެން 10،000 ރުފިޔާ ލިބެން ޖެހޭ ކަަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި މިހާތަނަށް ގާނޫނަކުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅިފައި ނުވެއެވެ. މިއީ ބައެއް ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ މަޖިލިސް ބަހުސް ގައި ބައިވެރިވެވަޑައިގަންނަވާ ވާހަކަ ދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ ކެންޑިޑޭޓް އަލްހާން ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލިސްގެ ދައުރެއް ނެތް ކަމަށާއި ނަމަވެސް އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ވަކި އަދަދެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. "އެކަމަކީ ސަރުކާރުން ދައުލަތުގެ މާލިއްޔަތުގައި ވަރު ހުރި މިންވަރަކުން އެޕްރޫވް ކުރަންވީ އެއްޗެއް. އެކަމުކު އަޅުގަނޑު ގަބޫލުކުރަން ރާއްޖޭގައި މިނިވަން ވޭޖް ކަނޑައަޅަން ޖެހިއްގެ ކަމަށް. އަދި އަޅުގަނޑު ގަބޫލު ކުރާ މިންވަރަކީ ވެސް މަސައްކަތް ކުރާ ކޮންމެ މީހަކަށް 10،000 ރުފިޔާ އެންމެ މަދުވެގެން ލިބެންޖެހޭނެ،" އަލްހާން ވިދާޅުވިއެވެ. މަޖިލިސް ބަހުސްގައި އަލްހާން ވާހަކަ ދައްކަވަނީ -- ފޮޓޯ/ ޕީއެސްއެމް އަލްހާން ވިދާޅުވީ، ހެންވޭރު އުތުރު ދާއިރާއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އެ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބުން ކަމަށާއި އެގޮތުން އެ ދާއިރާގެ 80 ޕަސަންޓް މީހުންނަކީ ބޯހިޔާވަހިކަމެއް ނެތް މީހުން ކަމަށެވެ. އެ ކަންކަމަކީ ހައްލެއް ލިބެން ޖެހޭނެ ކަމެއް ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ. ބަހުސްގައި އަލްހާން ވަނީ ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އަލްހާން ވިދާޅުވީ، ރައީސް މުހައްމަދު ނަޝިދު ވިދާޅުވާގޮތަކަށް އެޕާޓީގެ އެޖެންޑާ 19 ހިފައިގެން އައިސް މަޖިލީހުގައި ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ. މަޖިލިސް މެމްބަރުން މަޖިލީހަށް އިންތިހާބު ވާން ޖެހޭނީ އެމްޑީޕީގެ ސިޔާސަތުތަށް ތަންފީޒު ކުރުމަށް ނޫން ކަމަށާއި މަޖިލީހަށް އިންތިހާބު ވާން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އަލްހާން ވިދާޅުވިއެވެ. އަދި އެ މަޖިލީހަކީ ޕާޓީތަކުގެ މަޖިލީހެއް ނޫން ކަމަށާއި އެ މަޖިލީހުގައި ތިބެން ވާނީ މިނިވަން ކަމާއެކު ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކޭ މީހުންނަށް ކަމަށް އަލްހާން ވިދާޅުވިއެވެ. "[ރައީސް ސޯލިހްގެ] ސިޔާސަތަށް ރައްޔިތުން ވޯޓު ދިނީ. ރައީސް ނަޝިދު ވިދާޅުވާގޮތަށް އެޖެންޑާ 19 ހިފައިގެން ކުރާނެ ކަމެއް ނޯންނާނެ. މިދަނީ ޕާޓީ މަޖިލީހަކަށް ނޫން. މިދަނީ ރައްޔިތުންގެ މަޖިލީހަށް. އެތަނުގައި ތިބެން ވާނީ، މިނިވަންކަމާއެކު ވާހަކަ ދެއްކޭ މީހުން. ޕާޓީ ތަކުގެ އަޅުން އެތަނުގައި ތިބެގެން ނުވާނެ،" އެމްޑީޕީގެ ނައިބު ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި އަލްހާން ވިދާޅުވިއެވެ. އަލްހާން ބަހުސަށް ފަހު، އޭނާގެ އައިލާއާއި ސަޕޯޓަރުންނާއެކު -- ފޮޓޯ/ ޕީއެސްއެމް އަލްހާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތަކީ ސަރުކާރު ޒިންމާދާރު ކުރުމާއި ގާނޫނުތައް ހެދުން ކަމަށްވާއިރު، އޭނާ ހެންވޭރު އުތުރު ދާއިރާއަށް އިންތިހާބުކޮށްފެއްވައިފި ނަމަ، ސަރުކާރު ޒިންމާދާކުރުމާއެކު، ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަަމަށް އަލްހާން ވިދާޅުވިއެވެ. "ރައީސް ސޯލިހްގެ ކެބިނެޓުން ގެންނަވާ ރައްޔިތުންނަށް ފައިދާ ހުރި ހުރިހާ ކަންކަމަކަށް އަޅުގަނޑު އެއްބާރުލުން ދޭނަން. އެހެން ނަމަވެސް ރައްޔިތުންނަށް ހެވާ ލާބަ ނުލެވޭ ކަންކަމުގައި، ކޮންމެ ފަރާތަކުން ހުށަހެޅިޔަސް އަޅުގަނޑު އެކަމަކަށް ވަކާލާތު ކުރާނަން،" ކުރިން ޑީއާރުޕީއާއި ޕީޕީއެމް އަދި މިހާރު ޖުމްހޫރީ ޕާޓިގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލްހާން ވިދާޅުވިއެވެ. ހެންވޭރު އުތުރު ދާއިރާ މަޖިލިސް ބަހުސް: އަލްހާން ވިދާޅުވަނީ އޭނާ އަކީ އެންމެ ސީނިއާ ސިޔާސީ މީހާކަަމަށް -- ފޮޓޯ/ ޕީއެސްއެމް އަލްހާން ވިދާޅުވީ، ހެންވޭރު އުތުރު ދާއިރާއަށް މިފަހަރު ކުރިމަތި ލެއްވި ބޭފުޅުނަށްވުރެ އޭނާ އަކީ ސިޔާސީ މަސްރަހުގައި "ސީނިއާ" މީހެއް ކަމަށެވެ. އަދި ގާނޫނުތައް ދަންނަ މީހެއް ކަމަށާއި އިސްކުރައްވާނީ، "ރައްޔިތުންނާއި ގައުމު" ކަމަށް އަލްހާން ވިދާޅުވިއެވެ. އަންނަ މަހު ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި އަލްހާން އެދިވަޑައިގަތީ އޭނާ އަށް ވޯޓު ދެއްވުމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ