ބިން ލާދިން މަރާލަން ސީއައިއޭ އަށް އެހީވެދިނީ ޕާކިސްތާނުން: އިމްރާން ޚާން

ވޮޝިންޓަން (ޖުލައި 23) - އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން ހުރި ތަނެއް ހޯދައި އޭނާ މަރާލުމުގައި އެމެރިކާގެ ސެންޓްރަލް އިންޓަލިޖެންސް އެޖެންސީ (ސީއައިއޭ) އަށް އެހީވެދީފައި ވަނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ އިން ކަމަށް ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުން މިހާތަނަށް ބުނަމުން ދިޔައީ އެމެރިކާގެ ސްޕެޝަލް ފޯސަސް އިން މެއި 2، 2011 ދުވަހުގެ ރޭ ޕާކިސްތާނުގެ އަބޮޓްއާބާދުން ބިން ލާދިން މަރާލުމާ ހަމައަށް އޭނާ ހުރި ތަނަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެމެރިކާ އަށް މިހާރު ވަޑައިގެން އުޅުއްވާ އިމްރާން ޚާން ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ ބިން ލާދިން ހުރި ތަނެއް ސީއައިއޭ އަށް އެނގުނީ އިންޓަ ސާވިސަސް އިންޓަލިޖެންސް އެޖެންސީ (އައިއެސްއައި) އިން އެ މައުލޫމާތު އެމެރިކާ އަށް ދިނުމުން ކަމަށެވެ.
"އައްސަވާ ސީއައިއޭގައި އެ މައުލޫމާތު ދިނީ ކޮން ބައެއްތޯ،" އިމްރާން ޚާން ވިދާޅުވި އެވެ.
އެކަމަކު ބިން ލާދިން ހުރި ތަނެއް ސީއައިއޭ އަށް ޔަގީން ކޮށްދިނީ ޕާކިސްތާނުގެ ޑޮކްޓަރެއް ކަމަށްވާ ޝަކީލް އަފްރީދީ ކަމަށްވެ އެވެ. އަފްރީދީ ވަނީ އަބޮޓްއާބާދުގައި ފޭކް ވެކްސިން ޕްރޮގްރާމެއް ހިންގާ އެ ސިޓީގައި ބިން ލާދިން ހުރިކަން ކަށަވަރުކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެ މައުލޫމާތު ސީއައިއޭ އަށް ފޯރުކޮށްދީފަ އެވެ. އަފްރީދީ މިހާރު ހުރީ ޕާކިސްތާނުގެ ބެލުމުގެ ދަށުގަ އެވެ.
ޖަލުގައި ހުރި ޑޮކްޓަރު ޕާކިސްތާނުން ދޫކޮށްލާނެތޯ ފޮކްސް ނިއުސް އިން ސުވާލު ކުރުމުން އިމްރާން ޚާން ވިދާޅުވީ އެއީ "ވަރަށް ޖަޒުބާތީ" ކަމެއް ކަމަށާއި ޕާކިސްތާނުން ދެކެނީ އަފްރީދީ އަކީ ޖާސޫސެއް ކަމަށެވެ.
ލީކުވެފައިވާ ޕާކިސްތާން ސަރުކާރުގެ 2013 ވަނަ އަހަރުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ބިން ލާދިން ޕާކިސްތާނަށް ދިޔައީ 2002 ވަނަ އަހަރު އެވެ. އެއީ އެމެރިކާ ސިފައިން 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އެރުމުންނެވެ. ބިން ލާދިން އަބޮޓްއާބާދުގައި ދިރިއުޅެން ފަށާފައި ވަނީ އޮގަސްޓް 2005 ގައި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ