ނާސާގެ މިޝަން ކޮންޓްރޯލްގެ ބާނީ އަވަހާރަވެއްޖެ

ވޮޝިންޓަން (ޖުލައި 23) - އެމެރިކާގެ ޖައްވީ އެޖެންސީ ނާސާގެ މިޝަން ކޮންޓްރޯލްގެ ބާނީ އަދި އެޕޯލޯ 11 ގައި ހަނދަށް ކުރި ދަތުރުކުރުގެ އިސް މޭސްތިރިޔާ ކްރިސް ކްރާފްޓް އިއްޔެ އަވަހާރަވެއްޖެ އެވެ.
އުމުރުން 95 އަހަރުގައި ކްރާފްޓް އަވަހާރަވި އިރު އޭގެ ދެ ދުވަސް ކުރިން ވަނީ އިންސާނުން ފުރަތަމަ ފަހަރަށް ހަނދަށް ދިޔަތާ 50 އަހަރު ފުރުން ފާހަގަކޮށްފަ އެވެ.
ނާސާއާ 1958 ވަނަ އަހަރު ގުޅިވަޑައިގެންނެވި ކްރާފްޓް ވަނީ އިންސާނުންނާ އެކު ޖައްވަށް ދަތުރު ކުރުމުގެ ކޮންޓްރޯލް ޕްރޮސެސް ތަރައްގީކޮށް ނާސާގެ މިޝަން ކޮންޓްރޯލް އޮޕަރޭޝަންތައް ފައްޓަވައިފަ އެވެ.
"އެމެރިކާ އަށް ގެއްލިގެން އެ ދިޔައީ ގައުމީ ޚަޒާނާއެއް،" ނާސާގެ ވެރިޔާ ޖިމް ބްރައިޑެންސްޓީން ވިދާޅުވި އެވެ. "ކްރިސް އަކީ އިންސާނުން ޖައްވަށް ދިއުމުގެ ދަތުރާއި އިންސާނުން ހަނދަށް ދިއުމުގެ ދަތުރުގެ އެންމެ އިސް ޓީމު މެންބަރު."
ޕްރޮޖެކްޓް މާކަރީގެ ހުރިހާ މިޝަނެއް ޑައިރެކްޓް ކުރެއްވީ ކްރާފްޓެވެ. ޖުލައި 20، 1969 ގައި އިންސާނަކު ފުރަތަމަ ފަހަރަށް ހަނދުގައި ފައިތިލަ ބީއްސާލި އިރު ކްރާފްޓް އިންނެވީ މިޝަން ކޮންޓްރޯލުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ