މާލެއަށް އުދަ އަރައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ

މާލެއަށް މިއަދު އުދަ އަރައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މާލޭގެ ކާނިވާ ސަރަހައްދަށާއި، ރާޅުގަނޑު ސަރަހައްދަށް މިއަދު އުދަ އަރަމުންދާ ކަމަށާއި، އެހެންވެ ހުރިހާ ފަރާތްތަކުން ވެސް އެސަރަހައްދުގައި ހުރި އުޅަނދުތައް ނަގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ.
ކާނިވާ ސަރަހައްދުގެ ބޮޑު ބައެއްގައި މިހާރު ލޮނުގަނޑު ހެދިފައިވާއިރު، އެ ސަރަހައްދުގެ މަގުމައްޗަށް ވެސް ވަނީ ލޮނުގަނޑު ދަތުރުކޮށްފައެވެ. މީގެ އިތުރުން ހެންވޭރު ރާޅުގަނޑު ސަރަހައްދަށް ވެސް އުދަ އަރައި އެ ހިސާބުގެ މަގުތަކަށްވެސް ވަނީ ލޮނުގަނޑު ފެތުރިފައެވެ.
މިއަދު މާލެއަށް އުދަ އަރަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހުވެސް ކާނިވާ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރާފައިވެއެވެ.
މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ބ.އޭދަފުށްޓަށާއި ރ އިނގުރައިދޫއަށް މިއަދު އުދަ އަރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ބ.އޭދަފުށީގެ އުތުރު ފަރާތުން ބަނދަރު ސަރަހައްދުން ރަށުތެރެއަށް އުދައަރަމުން ދާތީ ސަމާލުވުމަށް އެރަށު ކައުންސިލުން ވަނީ އަންގާފައެވެ. އޭދަފުއްޓައް އުދައަރަން ފަށާފައިވަނީ މިއަދު 11:30 ހާއިރުއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އެއިދާރާއިން ވަނީ މިދުވަސްވަރު ރަށްރަށަށް އުދަ އަރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ