ސްރީލަންކާގައި ދިން ހަމަލާތަކަކީ މުޅި ސަރަހައްދަށް އޮތް ނުރައްކަލެއް: ރައީސް

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާއަކީ މުޅި މި ސަރައްދަށް ކުރިމަތިވި ނުރައްކަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ސިފައިގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ހަމަލާއަކީ ސްރީލަންކާގައި ދިން ހަމަލާއަކަށް ވީނަމަވެސް އެ ހަމަލާ އަކީ މުޅި މި ސަރަހައްދުގެ ގައުމުތަކަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ. އެގޮތުން އެ ނުރައްކާތެރި ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކާއި ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރާ ގުޅިގެން މިހާރުގެ ސަލާމަތީ ހާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. "ހަފްލާގައި އެއްޗެއް ދެންނެވުމުގެ ކުރިން، އަވަށްޓެރި ސްރީލަންކާގައި މިދިޔަ އާދިއްތް ދުވަހު ދިން ޓެރެރިސްޓް ހަމަލާތަކުގައި މަރުވެދިޔަ މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވަން. އަދި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރަން،" ރައީސް ސޯލިހް ވިދާޅުވިއެވެ. "އެ ނުރައްކާތެރި ހަމަލާއާ ގުޅިގެން ގައުމީ ދިފާއީ ބާރާއި ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު އަދި ދިވެހި ފުލުހުން ގުޅިގެން މިހާރުގެ ސަލާމަތީ ހާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ މަސައްކަތް މި އަންނަނީ ކުރަމުން،" ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ: ރައީސް ވިދާޅުވީ، ލަންކާގައި ދިން ހަމަލާއަކީ ފިޑި އަމަލެއް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް ރައީސް ވިދާޅުވީ، ލަންކާގައި ދިން ބޮމުގެ ހަމަލާތަކަކީ، "އެއްވެސް އިންސާނިއްޔަކަމެއް ނެތް، ވަރަށް އަނިޔާވެރި، ދަށު ދަރަޖައިގެ ފިނޑި" އަމަލުތަކެއް ކަމަށެވެ. ކޮންމެ މަގުސަދެއްގައި ނަމަވެސް އެއްވެސް ހައްގަކާ ނުލައި ކުށެއް ނެތް ބަޔަކަށް އެފަދަ ރަހުމް ކުޑަ އަނިޔާ އެއް ދިނުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. "ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އެ ނުބައި ޓެރެރިޒަމްގެ ޖަރީމާ ކުށްވެރި ކުރަނީ، އެންމެ ހަރުކަށި އިބާރާތުން،" ރައީސް ވިދާޅުވިއެވެ. ސްރީލަންކާގައި މިދިޔަ އާދިއްޔަ ދުވަހު އެ ގައުމުގެ އަށް ސަރަހައްދެއްގައި ބޮމުގެ ހަމަލާތަކެއް ދީފައިވާ އިރު، މަރުވި މީހުންގެ އަދަދު ވަނީ، 320 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ، 520 އަށް އަރާފައެވެ. މި ހަމަލާއާ ގުޅިގެން 40 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ