ލ. އަތޮޅު ފުލުހުން ބަލާ ކުދިންގެ މައްސަލަތައް އަވަސް ކުރަން މަޝްވަރާކޮށްފި

ކުޑަ ކުދިންނާ ގުޅޭ މައްސަލަތަކާ ބެހޭ ގޮތުން ލ. އަތޮޅުގެ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާގެ މަގްސަދަކީ ކުޑަ ކުދިންނާ ގުޅޭ ގޮތުން ލ. އަތޮޅު ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، ހަރުދަނާ ކުރުމާއި ޝަރުއީ މަރުހަލާގައި މައްސަލަތައް ނިންމުން އަވަސް ކުރުމެވެ.
ލ. ގަން ޕޮލިސް ސްޓޭޝަނުގައި ބޭއްވި ބައްދަލުވުމުގައި ފުލުހުންނަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތަކުގެ ތަހުގީގު މަރުހަލާ ކުރިއަށް ދިޔުން ލަސްވަމުން ދިޔުން ހައްލު ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރި އެވެ.
އޭގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ބޮޑެތި މައްސަލަތައް ތަހުގީގު ކުރާ ފުލުހުންގެ މަސައްކަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި އެފަދަ މައްސަލަތަކުގެ ތަހުގީގު މަރުހަލާ ނިންމާ ޕީޖީއަށް ފޮނުވުމުގައި ދެފަރާތުގެ ދައުރާއި ދިމާވާ ދަތިތައް ހައްލު ކުރުމަށް ދެފަރާތުން ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާ ކުރި އެވެ.
އެބައްދަލުވުމުގައި ލ. އަތޮޅު ކޮމާންޑަރާއި ޑިވިޝަން ކޮމާންޑަރުގެ އިތުރުން ޕީޖީ އޮފީހުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ