ސައުދީ އަތުން ބަލިވެ ރާއްޖޭގެ ޒުވާން ޓީމު ކަޓައިފި

ޔުއެފާގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދާ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު މިއަދު ކުޅުނު މެޗުން ސައުދީ އަރަބިއްޔާ އަތުން 6-0 އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ހަތަރު ޓީމުގެ މެދުގައި ކުޅޭ މި މުބާރާތުން ރާއްޖެ ކެޓީ ކުޅުނު ދެ މެޗުން ވެސް ބަލިވުމުންނެވެ. ފުރަތަމަ މެޗުން ބޫޓާން އަތުން ބަލިވީ 2-1 އިންނެވެ. ބާކީ އެއް މެޗު އޮއްވައި ރާއްޖެ ކެޓީ ގަދަ ދެ ޓީމު ތެރޭގައި ހިމެނި ފައިނަަލަށް ދެވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ.
ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗުގައި ސައުދި އަރަބިއްޔާ އިން ޖެހި ހަ ގޯލު ވެސް އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަވާދު އަބޫ ދަހާލް، އަބްދުﷲ އަލަމްރީ، އަބްދުއްސަލާމް އަލީ، ބަދުރު ވަލީދު އަދި އަހުމަދު އަލީ އަސީރީ އެވެ. މީގެ ތެރެއިން އަހުމަދު އަލީ އަސީރީ ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ދެ ވަނަ ހާފުގައި ރާއްޖޭން ވަނީ ފަހަތަށް ޖެހިގެން ރަނގަޅަށް ޑިފެންސް ކޮށްފަ އެވެ. ސައުދީން ފޮނުވާލި ބޯޅަތައް ހުއްޓުވުމުގައި ރާއްޖޭގެ ގޯލްކީޕަރު އަލީ އަޝްހަމް އާތިފް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އޭނާ އަށް އަނިޔާވެގެން މެޗުގެ 68 ވަނަ މިނިޓްގައި ކުޅެން އެރި މުހައްމަދު ޝިމަން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މުޅި މެޗަށް ބަލާއިރު ވެސް ސައުދީ އަރަބިއްޔާގެ ގޯލަށް އަމާޒުކޮށް ރާއްޖެ އަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. ރާއްޖޭގެ ކެޕްޓަން އަބްދުލް ހަންނާން އާދަމް އޭރިއާ ބޭރުން ޖެހި ދެ ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެ އެވެ.
މިއަދުގެ މެޗުން މޮޅުވުމުން ސައުދީ އަރަބިއްޔާ އަށް ވަނީ ފައިނަލަށް ދިއުމުގެ އުއްމީދު އާ ވެފަ އެވެ. ސައުދީ އަތުން ފުރަތަމަ މެޗުގައި މޮޅުވި ލެޓްވިއާ މާދަމާ ނުކުންނާނީ ފުރަތަމަ މެޗުން ރާއްޖެ ބަލިކުރި ބޫޓާނާ ދެކޮޅަށެވެ. މާދަމާގެ މެޗުން ލެޓްވިއާ މޮޅުވެއްޖެނަމަ ފައިނަލުގެ ޖާގައަކާ ފިޔަވަޅަކާ ގާތަށް ޖެހިލެވޭނެ އެވެ.
މި ފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ ކޯޗަކީ އިބްރާހިމް ހަލީމް (ޖަޑާ) އެވެ. މިދިޔަ ޑިސެމްބަރު މަހު ތައިލެންޑުގައި އޮތް ޔުއެފާ އެސިސްޓް މުބާރާތުގައި ވެސް ޖަޑާގެ ކޯޗުކަމުގައި ރާއްޖެ ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން ސައިޕްރަސް، ބަންގްލަދޭޝް އަދި ތައިލެންޑް އަތުން ބަލިވެފަ އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ބައްދަލުކުރާނީ ލެޓްވިއާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ