ޑްރަގް ކޯޓުގެ ޝަރީއަތްތައް ފަށައިފި

އަލަށް އަމަލުކުރަން ފެށި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޑްރަގް ކޯޓުގެ ޝަރީއަތްތައް މިއަދު ފަށައިފި އެވެ.
އެ ކޯޓުގައި ފުރަތަމަ ފަހަރަށް ޝަރީއަތެއް ބާއްވާފައިވަނީ މިއަދު މެންދުރު 00: 1 ގައެވެ.
ޝަރީއަތްތައް ފެށީ މިއަދު ނަމަވެސް މީގެ ކުރިން އެ ކޯޓުން ވަނީ އިބްތިދާއީ އަޑުއެހުންތައް ފަށައިފަ އެވެ. އިބްތިދާއީ އަޑުއެހުމެއް ފުރަތަމަ ބާއްވާފައިވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ. އިބްތިދާއީ އަޑުއެހުންތަކަކީ ޝަރީއަތް ފެށުމުގެ ކުރިން ކޯޓުން ޔަގީންކުރަން ޖެހޭ ކަންތައްތައް ޔަގީންކުރުމަށް ބާއްވާ އަޑުއެހުންތަކެވެ.
ޑްރަގް ކޯޓުން ބުނީ އެ ކޯޓަށް މިހާތަނަށް 312 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި 47 މީހެއްގެ އިންޑިކޭޓިވް އެސެސްމެންޓް ރިޕޯޓް ހެދުމަށް އަންގާފައި ވެއެވެ. އެ ރިޕޯޓަކީ އެ މީހަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި ފަރުވާ ދޭންޖެހޭ މުއްދަތު ކަނޑައަޅާ ރިޕޯޓެވެ. އެ ރިޕޯޓަކީ ނޭޝަނަލް ޑްރަގް އޭޖެންސީން ހަދާ ރިޕޯޓެކެވެ.
ޑްރަގް ކޯޓަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ބޭނުންކޮށްގެންހުރެ ކުރާ ވަކި ބާވަތުގެ ކުށްތައް ބެލުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭނެ ފަރުވާގެ އުސޫލުތައް ކަނޑައަޅާ ކޯޓެވެ.
އެ ކޯޓު އުފެދިގެން މިހާތަނަށް އައިއިރުވެސް އެކަށީގެންވާ ވަރުގެ ޖާގަ ނުލިބުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި އެ ކޯޓުގެ މަސައްކަތް ވަނީ ކުރިއަށް ނުގެންދެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ