އެމްފައިސާ މެދުވެރިކޮށް މިހާރު ފަސޭހަ ކަމާއެކު ވަޤްފް ފަންޑަށް ފައިސާ ޖަމާކުރެވޭނެ

އުރީދޫ މޯލްޑިވްސް އާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެމްފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ވަޤްފް ފަންޑަށް ފައިސާޖަމާކުރެވޭ ގޮތް ހަދައިފިއެވެ.
މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކ.ހިންމަފުށި، މަސްޖިދުލް އިނާރާ މިސްކިތުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލްޙަމާދީއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އުރީދޫގެ ސީއީއޯ ޚާލިދު ވިދާޅުވީ، އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުތައް ބިނާކޮށް، އުރީދޫގެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ތަރައްގީއަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި ވަޤްފް ފަންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކަންކަމަށް ފަންޑުކުރުމުގައި އެންމެ ދެމެހެއްޓެނިވި އެއް ވަސީލަތްކަން ފާހަގަ ކުރައްވާ ހާލިދް ވިދާޅުވީ ވަޤްފް ފަންޑަށް އެމްފައިސާ މެދުވެރިކޮށް ރައްޔިތުންނަށް ފައިސާ ވަޤްފް ކުރެވޭނެ މަގުފަހިކޮށްދިނުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އުރީދޫއިން ބުނީ، އިސްލާމިކް މިނިސްޓްރީގެ ވަޤުފް ފަންޑަށް ސަދަގާތް ކުރެއްވުމަށް، މިސްކިތްތަކުގައި ބަހައްޓާފައިވާ ކިއުއާރު ކޯޑު އުރީދޫ އެޕްމެދުވެރިކޮށް ސްކޭން ކުރެއްވުމުން އެމްފައިސާ މެދުވެރިކޮށް ސަދަގާތްކޮށްލެވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، ރައްޔިތުންގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށްޓަކައި ސަދާޤާތްކުރަން ބޭނުންފުޅުވާ ވަރަށް ގިނަ ބޭފުޅުން ތިއްބެވުމާއެކު، މިހިދުމަތް އިފްތިތާހު ކުރުމުން އެބޭފުޅުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މި ޙިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކިއުއާރު ކޯޑް ބަހައްޓާފައިވަނީ ކ.ހިންމަފުށީގައި ހުންނަ މަސްޖިދުލް އިނާރާގައެވެ. އެމްފައިސާ މެދުވެރިކޮށް ސަދަގާތް ކުރުމަށް ކިއުއާރު ކޯޑުތައް އެހެން މިސްކިތްތަކުގައިވެސް ބަހައްޓާނެކަމަށް އުރީދޫ އިން ބުނެއެވެ.
ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް އުރީދޫ މޯލްޑިވްސް އިން ގެންގުޅޭ ތަސައްވުރާއި އެއްގޮތަށް، ފެށުނީއްސުރެވެސް އެކުންފުނިންދަނީ ފަސޭހަކަމާއި ރައްކާތެރިކާމާއެކު އެމްފައިސާ ޕްލެޓްފޯމް މެދުވެރިކޮށް ސަރުކާރާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ފައުންޑޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހި ކޮށްދެމުންނެވެ.
އެގޮތުން އެމްފައިސާ މެދުވެރިކޮށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތަކުގެ ތެރޭގައި ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އާއި ޕީސް ފައުންޑޭޝަން ހިމެނެއެވެ.
މިނިސްޓްރީއާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކުރާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އެމް-ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑަށް ފަސޭހަކަމާއެކު ހަދިޔާ ކުރެވޭނެ ގޮތް ހެދުމަށެވެ.
މިސްކިތްތަކަށް އެހީވާ ވަޤުފް ފަންޑަކީ މިސްކިތްތައް އިމާރާތްކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ވަޤްފް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އުފައްދާފައިވާ ފަންޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ