އަމީނީމަގު ގަސް ކެނޑުން ހުއްޓުވުމަށް ރައީސް ނަޝީދު ކޯޓަށް

އަމީނީ މަގުގައި ތާރު އެޅުމަށް އެމަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވެއްޖެއެވެ.
ރައީސް ނަޝިދުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.
އެ ލޯ ފާމުގެ ޓްވީޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެ ލޯ ފާމުގެ މުވައްކިލު ނަޝީދުގެ މާދަމާގެ ވަގުތެއްގައި ކޯޓަށް އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ. ގަސްތައް ކެނޑުން ހުއްޓުވުމަށްއެދި އެ މައްސަލަ ކޯޓަށް ހުށަހަޅަނީ ގަސްތައް ކަނޑައިފިނަމަ ތިމާވެއްޓަށް އިއާދަނުކުރެވޭނެވަރުގެ ގެއްލުމެއް ލިބޭނެކަމަށް ބުނެއެވެ.
މާދަމާ ކޯޓަށް މައްސަލަ ހުށަހަޅާއިރު އެކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށްވެސް އެދޭނެކަމަށް އެ ލޯ ފާމުން ބުނެފައިވެއެވެ.
We will be filing a case tomorrow at the court on behalf of our client @MohamedNasheed, requesting for an order to stop the removal of urban forestry in Ameeni Magu, as such removal will cause irreparable damage to the environment. We will also seek a temporary injunction order. pic.twitter.com/ZRxcXdj5Ef
— SHUNANA & CO.LLP (@shunanaLLP) September 28, 2022
ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާއިރު، އެ މަގުގައި ހުރި ގަސްތައް ނަގާތީ އެކަމުގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މަޖިލީހުގައި ވެސް ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވަނީ އަމީނީ މަގު ހެދުމަށް އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާ މައްސަލަ ހައްލުނުކޮށްފިނަމަ ކޯޓަށް ގޮސްގެންވެސް އެކަން ހުއްޓުވާނެކަމަށް ވިދާޅުވެފައެވެ.
އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތަށް އެ މަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާ މައްސަލަ މަޖިލީހަށްވެސް އޮތީ ހުށަހަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ