ދުވަސްކޮޅަކުން ހަނިމާދޫ އެއާޕޯޓަށް ދަތުރު ނުކުރެވިދާނެ: ޔާމީން

ދުވަސްކޮޅަކުން ހަނިމާދޫ އެއާޕޯޓަށް އާންމުންނަށް ވައިގެ މަގުން ދަތުރު ނުކުރެވިދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ނ.އަތޮޅަށް ޔާމީން ފައްޓާފައިވާ ދަތުރުފުޅުގެ ތެރެއިން ރޭ ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރަށް ދެވަނަ ދައުރެއް ދީފިނަމަ ހަނިމާދޫ ރައްޔިތުންނަށް އެ ރަށުގައި ނޫޅެވޭނެ ކަމާއި އެ ރަށުން ފައިބަންޖެހޭނެކަން ހަނިމާދޫ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
އެގޮތުން ހަނިމާދޫގައި ހަދަމުން ދަނީ 3،000 މީޓަރުގެ އެއާޕޯޓެއް ކަމަށާއި ވައިގެ ދަތުރުފަތުރަށް ބަލާއިރު ވެސް މިވަރުގެ އެއާޕޯޓެއް މުހިއްމު ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ދުވަސްކޮޅަކުން ހަނިމާދޫ އެއާޕޯޓަށް ވައިގެ މަގުން ދަތުރު ކުރެވޭނެ ކަމަށް އިންތިޒާރު ނުކުރުމަށް ޔާމީން ވަނީ އުތުރުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.
"އުތުރުގެ ރައްޔިތުންނަށް ހަމަ ދަންނަވާލަން އޮތް ވާހަކަ އަކީ ދުވަސްކޮޅަކުން ހަނިމާދޫގެ އެއާޕޯޓަށް ވައިގެ މަގުން ދަތުރު ކުރެވޭނެ ކަމަށް އިންތިޒާރު ނުކުރައްވާށޭ. އެކަމެއް ނުވާނެ." ޔާމީން ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.
މި އެއާޕޯޓުގެ ޓާމިނަލް ފަރުމާ ކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެ ފަދަ ދިވެހިވަންތަ ފަރުމާ އަކަށް ކަމަށްވާއިރު އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ