މަސައްކަތްތައް ރާއްވައި ހިންގާނީ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމަނައިގެން: ހީނާ

ދާއިރާގެ މަސައްކަތްތައް ރާއްވަވައި، ހިންގެވާނީ ދާއިރާގެ މަސައްކަތް ކުރާ ވީހާ ވެސް ގިނަ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން ކަމުގައި ފަންނާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާ އެކު މިއަދު އެ ވުޒާރާގައި ކުރިއަށް ދިޔަ ބައްދަލުވުމުގައެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ މި ދާއިރާގެ ޢިލްމީ އަދި ފަންނީ ބޭފުޅުން ހިމެނޭހެން އެންމެންގެ ވެސް ބައިވެރިވުމާއި އެހީތެރިކަމާ އެކު ގުޅިގެން ކުރެވޭ މަސައްކަތަކުން ނޫނީ ފަންނާ ސަގާފަތާއި ތަރިކައިގެ ދާއިރާ ތަރައްޤީ ނުކުރެވޭނެ ކަމަށެވެ. އަދި ދާއިރާ ތަރައްޤީ ކުރުމަށް ކުރައްވާ މަސައްކަތްޕުޅު ބައްޓަން ކުރައްވާނީ އެ ރޫޙު އުފެއްދޭނޭ ގޮތުގައި ކަމުގެ ޔަޤީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.
ބައްދަލުވުމުގެ ތެރެއިން ހެރިޓޭޖް ސޮސައިޓީއިން ވަނީ ޖަމިއްޔާގެ ފަރާތުން ކުރިން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރާވައިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވަޒީރާ ޙިއްސާ ކުރައްވާފައެވެ. އަދި މި މަސައްކަތްތަކުގައި ވުޒާރާގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، އަމިއްލަ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މިދާއިރާގައި މަސައްކަތް ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ މައުލޫމާތު ވެސް ޖަމިއްޔާއިން ވަނީ ހީނާ އަށް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ