ފުޓްބޯޅައިގެ ރީޖަން ލީގު ކުޅުނަސް ފުޓްސަލް ޗެމްޕިއަންޝިޕް ކުޅެން ހުރަހެއް ނެތް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެ އަށް ބާއްވާ ފުޓްސަލް މުބާރާތްތައް، އެޓޯލް ޗެމްޕިއަންޝިޕް އަންނަ ޖުލައި މަހު ފަށަން ނިންމައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، އެ މުބާރާތުގައި، އެފްއޭއެމް އިން މިހާރު ކުރިއަށްދާ ރީޖަން ލީގުގައި ކުޅޭ ކުޅުންތެރިން ކުޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެފްއޭއެމް އިން ބުނެފި އެވެ. 
އެފްއޭއެމް އިން ނިންމާފައި އޮތީ، މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ވެސް ކުރިއަށްގެންދާ އުސޫލުން ހަތަރު ރީޖަނަކަށް ބެހުމަށް ފަހު ފުޓްސަލް މުބާރާތް ކުރިއަށްގެންދިއުމަށެެވެ. މިއީ، މި ގޮތަށް ރަށްރަށަށް ހުޅުވާލައިގެން އެފްއޭއެމް އިން ބާއްވާ ފުރަަތަމަ ފުޓްސަލް މުބާރާތެވެ. 
އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާއިރު، ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ، މާލެ ރީޖަން އެވެ. އެއީ، މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެ އަށް ބާއްވާ ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އަންނަ ޖުލައި 27 ވަނަ ދުވަހު ފަށަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައި.
ޖުލައި މަހު ފަށާ އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އޮންނާނީ ކޮންމެ އަތޮޅަކުން ބައިވެރިވާ ޓީމުަތަކުގެ އަދަދުން ހޯސްޓްކުރާނެ ރަށެއް ކަނޑައަޅައިފަ އެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަނާއި ރަނަރަޕަށް ޒޯން ޗެމްޕިއަންޝިޕް ނޫނީ ރީޖަނަލް ލީގު ކޮލިފިކޭޝަނުން ޖާގަ ލިބޭނެ އެވެ. އެ ގޮތުން، ނޯތު ރީޖަންގެ ޒޯން އެކެއްގައި ކުޅޭނީ ހއ، ހދ، އަދި ށ ގެ ޓީމުތަކެވެ. އަދި ނޯތު ރީޖަން ޒޯން ދޭއްގައި ކުޅޭނީ، ނ،ރ، ބ އަދި ޅ. ގެ ޓީމުތަކެވެ. ސެންޓްރަލް ރީޒަނުގެ ޒޯން އެކެއްގައި ކ. އއ، އަދި އދ. އަތޮޅު ކުޅޭއިރު، ޒޯން ދޭއްގައި ވާދަކުރާނީ ވ، މ، ފ އަދި ދ ގެ ޓީމުތަކެވެ. މާލެ ރީޖަންގައި، މާލެ، ވިލިމާލެ އަދި ހުޅުމާލެ ކުޅޭއިރު، ސައުތު ރީޖަންގެ ޒޯން އެކެއްގައި ތ، ލ، އަދި ގއ ވާދަކުރާނެ އެވެ. އަދި، ޒޯން ދޭއްގައި، ގދ، ޏ އަދި އައްޑޫ ސިޓީގެ ޓީމުތައް ކުޅޭނެ އެވެ. 
ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު އެފްއޭއެމްގެ ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި، ކޮންމެ ރީޖަނެއްގެ ޗެމްޕިއަަންގެ މެދުގައި މުބާރާތެއް ކުޅުމަށް ފަހު ރާއްޖޭގެ ޗެމްޕިއަން ޓީމު ކަނޑައެޅޭނެ އެވެ. އަދި، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމު، 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭނެ އެވެ.  
މީގެ އިތުރުން، އަތޮޅު ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރަށްތަކުގެ ޓީމުތަކަށް ކުޅޭ ދިވެހި ކުޅުންތެރިން ވާން ޖެހޭނީ އެ ރަށެއްގެ ރަޖިސްޓްރީގައި ހިމެނޭ ކުޅުންތެރިންނަށެވެ. އަދި ކޮންމެ ރަށެއްގެ ޓީމެއްގައި ބިދޭސީ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ލިބޭނެއެވެ. ޒޯން/ރީޖަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ޓީމުތަކުން އެ މުބާރާތަށް އަލުން ޓީމު ލިސްޓް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ޒޯން/ރީޖަނަލް ޗެމްޕިއަންޝިޕަށް ހުށަހަޅާ ޓީމް ލިސްޓުގައި ބިދޭސީ އެއް ކުޅުންތެރިއަކު އަދި ރަށުން ބޭރު ދިވެހި އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށްވެސް ލިބޭނެ އެވެ. 
ފުޓްބޯޅަ މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިންނަށް ފުޓްސަލް މުބާރާތްތަކުގައި ވެސް ކުޅެވޭނެތޯ، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަކަށް އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، އަހުމަދު ޒަރީރު ވިދާޅުވީ، ފުޓްބޯޅަ ސިސްޓަމް ތެރޭގައި ހިމެނޭ ކުޅުންތެރިންނަށް ފުޓްސަލް ނުކުޅެވޭ ގޮތަށް ހެދުމަށް އަދި ވިސްނުމެއް ނެތް ކަމަށެެވެ. 
"އަދި ނެތް ރެސްޓްރިކްޝަނެއް ގެނައުމުގެ ވިސްނުމެއް. ބޮޑަށް ވިސްނަނީ ކުޅުންތެރިން މިހެން ގޮސް ނިންމަން އެ މީހުން ކުޅޭނެ އެއްޗެއް،" ޒަރީރު ވިދާޅުވި އެވެ. 
ރާއްޖޭގެ އެކި ފުޓްސަލް މުބާރާތްތަކުގައި ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން ކުޅޭތީ ޓީމުތަކުގެ ކޯޗުން ވަނީ މީގެ ކުރިން ގިނަ ޝަކުވާތަކެއް ކޮށްފަ އެވެ. ހާއްސަ ގޮތެއްގައި ޓީމުތަކާ ހަވާލުވާ ބިދޭސީ ކޯޗުންގެ ހިތްހަމަނުޖެހުންތައް މި ކަމުގައި ބޮޑެވެ. 
މީގެ އަށް ވަރަކަށް އަހަރު ކުރިން، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ފުޓްސަލް ކުޅެން ދިޔަ ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައިވެ އެވެ. އެ ގޮތުން، ކްލަބް އީގަލްސްގެ ތިން ކުޅުންތެރިއަކަށް ޓީމުން އަދަބުދީފައިވާއިރު، އޭގެ އެއް އަހަރު ފަހުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފުޓްސަލް އަށް ކުޅުންތެރިން ނުދާނެ ކަމަށް ބުނެ، ފަހުން އެ ނިންމުން ބަދަލުކުރަން ޖެހުނެވެ. އެއީ، ކުޅުންތެރިންގެ ވަޒީފާގެ ގޮތުން ބައެއް މުބާރާތްތަކުގައި ކުޅެން ޖެހޭތީ އެވެ.
އެފްއޭއެމް އިން ދާދި ފަހުން، ރާއްޖޭގެ އޮފީސްތަކުގެ މެދުގައި ކުޅޭ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް ބާއްވާ ފަރާތް، ކްލަބް މޯލްޑިވްސްއާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު، މިހާރު ކްލަބް މޯލްޑިވްސް ކަޕް މި ވަނީ އޮފް ސީޒަން ތެރޭގައި ކުޅޭ ގޮތަށް ހަމަޖައްސައިފަ އެވެ. 
އެފްއޭއެމްގައި 2017 ވަނަ އަހަރު ވަނީ، ފުޓްސަލް ކުޅުންތެރިންނާއި ފުޓްބޯޅަ ކުޅުންތެރިން ވަކިކޮށްގެން ގެންދެވޭނެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރާނެކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، ފަހުން އެ އަށް އަމަލީ ސިފައެއް ނުޖެހި، ކުޅުންތެރިންނަށް ކްލަބްތަކުން މުސާރަ ބަރާބަރަށް ނުދެވޭތީ، ފުޓްސަލް މުބާރާތްތަކުގައި ކުޅެން ކުޅުންތެރިންނަށް ދޫ ދޭން ޖެހެނީ އެވެ.
މިހާރު އޮތްގޮތުން، ގައުމީ ފުޓްބޯޅަ ޓީމުގެ މުބާރާތެއް ނޫނީ ތަމްރީންތައް ކުރިއަށްދާ މުއްދަތެއްގައި، ސްކޮޑުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކަށް ފުޓްސަލް މުބާރާތެއް ކުޅުމުގެ ހުއްދައެއް ނެތެވެ. ދާދި ފަހުން، ގައުމީ ޓީމުގެ މެޗެއް އޮއްވައި، ފުޓްސަލް މުބާރާތެއް ކުޅުނު ކުޅުންތެރިއަކަށް ވަނީ ފިޔަވަޅު ވެސް އަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ