ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޝިއުނީން ރަޝީދު، އެގައުމުގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ. މުހަންމަދު ޔޫނުސްއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ އިސްވެރިންނާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެއްބައިވަންތަކަމާއި ގާތް އެކުވެރިކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޑރ. ޔޫނުސްގެ ޒަޢާމަތުގައި ބަންގްލަދޭޝްއިން ހޯދަމުންދާ ކުރިއެރުންތަކަށް ތަޢުރީފްކުރައްވައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝަވަރާކުރެއްވިއެވެ.
ޑރ. ޔޫނުސް ވަނީ ރާއްޖޭގެ ސަފީރަށް މަރުހަބާ ވިދާޅުވެ، ދިވެހިރާއްޖެއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދިހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންދެވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ ވެރިކަމާއި ހަވަލުވެވަޑައިގެންފަހުން މިވީ ކުރު މުއްދަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒާއި ދެފަހަރެއްގެމަތިން ބައްދަލުވެވަޑައިގެންފައިވާ ކަމަށާއި މިއީ ދެގައުމުގެ ދެމެދުގައިއޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ.
ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށް ޝުކުރުދަންނަވައި ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝްއަކީ ހާއްސަކޮށް މަތީތައުލީމާއި ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް މުހިންމު ގައުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސިއްހީ ދާއިރާއިން މަތީތައުލީމް ހާސިލް ކުރުމަށް ކޮންމެ އަހަރަކު ބަންގްލަދޭޝްއިން ރާއްޖެއަށް ދެމުންދާ ސްކޯލަޝިޕްގެ ފުރުސަތުތަކާއި މެޑިކަލް އިންޓާންޝިޕްގެ ފުރުސަތުތަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި، މީގެއިތުރުން ގަވާދާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސންގެ މައްސަލަ ހައްލުކުރުމަށް މިހާރު ހޯމް މިނިސްޓްރީން ފަށައިގެން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތަފްސީލް އެކަމަނާ ވަނީ ޑރ. ޔޫނުސްއަށް އަރުވާފައެވެ. އަދި ޑރ. ޔޫނުސް ވަނީ ބަންގްލަދޭޝް ސަރުކާރުގެ އެއްބާރުން މިކަމުގައި ރާއްޖެއަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
މީގެއިތުރުން ބައިނަލްއަގްވާމީ މަޝްރަހުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުންހުރި މަޝްވަރާތަކުއި ރާއްޖެއާއި ބަންގްލަދޭޝް ފަދަ މޫސުމީ ބަދަލުތަކަގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތަށް ގުޅިގެން އެކުއެކީގައި މަސައްކަތް ކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ