މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ޙިފްޒުކޮށް ތަރާވީޙް ކުރާނެ
ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މާލޭގެ 16 މިސްކިތެއްގައި ޙިފްޒުކޮށް ތަރާވީޙް ނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ހުޅުމާލޭގެ ހަތް މިސްކިތަކާއި ވިލިމާލޭގެ އެއް މިސްކިތެއްގައި ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. މިނިސްޓްރީން ބުނީ މިއަހަރުގެ ރަމަޟާން މަހު މާލޭގެ ގިނަ މިސްކިތްތަކެއްގައި ޒުވާން ޙާފިޒުން ޙިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރަމަޟާންމަހު އިސްލާމީ މަރުކަޒުގައި އިމާވުވެ ތަރާވީޙް ނަމާދު ކުރައްވާނީ: އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފް އަލްޙާފިޒް ޢުވައިސް ބިން އިނާޒް އަލްޙާފިޒް ޚިޟްރު ބިން ޢިމާދު އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފް މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠީފް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ސަލްމާނު މިސްކިތުގައި ރަމަޟާން މަހު ތަރާވީޙް ނަމާދާއި ދަމު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިން، އަލްޙާފިޒް މުޙައްމަދު މިޝްއަލް އާޒިމްގެ އިތުރުން އަލްޙާފިޒް އަބްދުﷲ އަޙްސަން ސަޢީދެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތުގައި ރަމަޟާން މަހު ޒުވާން އިމާމުންނަށް ފުރުސަތު ދީފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ލީޑަރުން އުފެއްދެވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ