ކުރިމަތިވި ބައްޔަކާއި ގުޅުވައި ފުރައްސާރަކޮށް ހަޖޫޖަހާނީ އިންސާނިއްޔަތުކަން ނެތުމުން: ހީނާ

ކުރިމަތިވި ބައްޔަކާއި ގުޅުވައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފުރައްސާރަކޮށް ސިފައަށް ހަޖޫ ޖެހީ އިންސާނިއްޔަތުކަން ނެތުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަލްސާގައި ވަރަށް އަސަރާއި އެކު ހީނާ ވަނީ، އާލާސްކަންފުޅާއި އުޅުއްވިއިރު، ސިޔާސީ އެކި ފަރާތްތަކުން އެކަމަނާއަށް އަމާޒުކޮށް ކުރި ފުރައްސާރަތަކަށް ރައްދު ދެއްވާފައެވެ.
އެގޮތުން ހީނާ ވިދާޅުވީ، އަންހެނަކަށް ވީތީ އަދި ކުރިމަތިިވި ބައްޔެއްގެ ސަބަބުން އެކި ފަރާތްތަކުން ފުރައްސާރަކޮށް ހެދި ކަމަށާއި، ޒާތީ ގޮތުން ސިއްޚީ ހާލަތަށާއި ސިފައަށް ވެސް ހަޖޫކިޔައި ހެދި ކަމަށެވެ.
އަދި އެކަމަނާ އަށާއި އެކަމަނާގެ އާއިލާއަށް ނިސްބަތްވާ ގޮތަށް އެފަދަ ފުރައްސާރަތައް ކުރީ އިންސާނިއްޔަތުކަމެއް ނެތި، ދަށު ދަރަޖައަށް ވެއްޓުނީމައި ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
އަޅުގަނޑު އަންހެނަކަށް ވީތީ އިދިކޮޅު ފަރާތްތަކުން އަޅުގަނޑުގެ ބޮލުގައި ނާޅުވަނީ ކޮން ނުހައްގު އިލްޒާމެއްތޯ. އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާއަށް ނުކުރާ ފުރައްސާރައެއް ނެތޭ. އަދި ކޮބައިތޯ އަޅުގަނޑަށް ކުރިމަތިވި ބައްޔަކާއި މިފަދަ ކަންކަމާއި ގުޅުވައި އަޅުގަނޑަށް ފުރައްސާރަ ކުރާނީ ކިހާ އިންސާނިއްޔަތުކަން ކުޑަވީމަތޯ. ކިހާ ދަށު ދަރަޖައަށް ވެއްޓުނީމަތޯ. ޒާތީ ގޮތުން އަޅުގަނޑުގެ ސިއްޚީ ހާލަތަށާއި، އަޅުގަނޑުގެ ސިފައަށް ވެސް ހަޖޫކިޔައި، އަޅުގަނޑު ކަހަލަ އަންހެނަކަށް ގޯނާ ކުރާނީ އިންސާނިއްޔަތުކަމުގެ އެއްވެސް އެއްވެސް ޒައްރެއްގެ މިންވަރު ވެސް ނެތީމައި. 
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
ފްރޮން އޮފީސް ޖަލްސާތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހީނާ އާއި އަމާޒުކޮށް ދެއްކެވި ވާހަކަތަކަށް ހީނާ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ޔާމީންގެ ނަން ވިދާޅުނުވެ ހީނާ ވިދާޅުވީ، ސިޓިން ރޫމުގެ އެ ޖަލްސާތަކުގައި ހީނާ އަށް އަމާޒުކޮށް ފުރައްސާރަކުރީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރައީސް ޔާމީނު ޖަލުގައި އޮންނެވި އިރު ޖަލުން ސަލާމަތްކުރައްވަން ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
އެއީ ފަސް އަހަރު ދުވަހު އަޅުގަނޑުކޮށްދިން މަސައްކަތުގެ އަގު ވަޒަން ކުރާ ގޮތޭ. އެބޭފުޅުން ޖަލުން ސަލާމަތްކުރަން އާއިލާ އާއި ދަރިން ދޫކޮށްފައި ރެއާއި ދުވާލު، 24 ގަޑިއިރު މަގުމައްޗަށް ނުކުމެ ފަސް އަހަރު ދުވަހު އަޅުގަނޑުމެން ވީ ގުރުބާނީއަށް ދޭ ބަދަލޭ. 
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
ހީނާ އެފަދައިން ވިދާޅުވިއިރު، ކެންސަރު ބަލީގައި އާލާސްކަންފުޅާއި އުޅުއްވިއިރުވެސް އޭނާ ވަނީ، އަދާކުރައްވަމުން ގެންދެވި ވަޒީފާއަށް ނުކުމެވަޑައިގެން މަސައްކަތްކުރައްވާފައެވެ. އެގޮތުން އެދުވަސްވަރު ވެސް އެންސްޕާގެ ސީއީއޯގެ ހައިސިއްޔަތުން އަދާކުރެއްވި މަސައްކަތްޕުޅުތަށް ވަރަށް ގިނަ ފަރާތަތްތަކުން ފާހަގަކޮށް، ހީނާ އަށް ތައުރީފު އަދާކޮށްފައިވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނުކަމަށް ހީނާ އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެ މަގާމާއި އެކު ހީނާ ގެންދަވަނީ އެންސްޕާގެ ސީއީއޯގެ މަގާމު ވެސް ފުރުއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ