ފުރަތަމަ މެޗުގައި ފަލަސްތީނުން ރާއްޖެ ކޮޅަށް ހަ ލަނޑު

ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗު ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކާމިޔާބުކޮށްފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުން ފަލަސްތީން މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ. މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ފަލަސްތީން ޓީމު ރާއްޖޭގައި މަޑުކުރާއިރު، އެ ޓީމު ތައްޔާރުވަމުން އަންނަނީ މި މަހުގެ 22 އިން 30 އަށް އިންޑިއާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގެ ގްރޫޕް ޑީގެ މެޗުތަކަށެވެ. ރާއްޖޭގެ ޓީމު ހިމެނޭ ގްރޫޕް އެފްގެ މެޗުތައް ކުޅޭނީ ތައިލެންޑުގައެވެ. ދިވެހި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ޑިފެންސިވް ކުޅުމެއް މި މެޗުގައި ފެނިގެންދިޔަ އެވެ. ހާއްސަކޮށް ރާއްޖޭގެ ޑިފެންސްލައިނުން މި މެޗުގައި ކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމާއި ފަލަސްތީނުގެ 17 އަހަރުންދަށުގެ ޓީމު ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ތެރެއިން-- ސަން ފޮޓޯ މި މެޗުގެ ދެވަނަ ހާފުގައި ފަލަސްތީނުން ލީޑު ނަގާފައިވަނީ މި ހާފުގެ 16 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު ޖަހައިދިނީ ޒައިން ޣަޒާވީއެވެ. މި ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ފަލަސްތީނުން ލީޑު ފުޅާކުރިއިރު، މިއީ ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ފަލަސްތީނުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖަހައިދިނީ ޔަޒަން ޚަލީފާއެވެ. މި މެޗުގައި ފަލަސްތީނުން ކާމިޔާބުކުރި ފަހު ތިން ލަނޑު ޖަހާފައިވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 81 ވަނަ މިނެޓުގައި ފަލަސްތީނުގެ ހަތަރުވަނަ ލަނޑު އާދަމް އަމިރޭ ކާމިޔާބުކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ރާއްޖޭގެ 17 އަހަރުންދަށުގެ ޓީމާއި ފަލަސްތީނުގެ 17 އަހަރުންދަށުގެ ޓީމު ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ތެރެއިން-- ސަން ފޮޓޯ މި ލަނޑަކީ ރާއްޖޭގެ އިބްރާހީމް އައުސަމް އަބްދުﷲ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ފަލަސްތީނުގެ ފަހު ލަނޑު ޖަހައިދިނީ މޮހްޔެއްދީން ހަސަސްނާއެވެ. ރާއްޖެއާއި ފަލަސްތީނުގެ ޒުވާން ޓީމު ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ