މަރުވުމުން އަރާމާ އުފާ ލިބެން އޮތް ހަމައެކަނި ގޮތް-

އިންސާނަކަށް ދެއްވެވި އެންމެ މަތީ ދަރަޖަ ދެއްވަވާފައިވަނީ ލޮބުވެތި ނަބިއްޔާ މުޙައްމަދު (ﷺ) އަށެވެ. އެއީ ދިރިހުންނަވަނިކޮށް މިޢްރާޖުގެ ދަތުރުފުޅުގައި އެންމެ މަތީ އުޑަށް އުފުއްލަވައި ﷲ ތަޢާލާ ސީދާ ބަސްފުޅުވަޙީ ކުރެއްވެވުމެވެ.  
އެ ރޭ، އެ ވަގުތުގައިވެސް ރަސޫލް (ﷺ) އަށް ﷲ ތަޢާލާ ވަޙީ ކުރެއްވެވީ ﷲގެ ރަސޫލް ނުވަތަ ﷲ ގެ ނަބިއްޔާއެއް ނޫނެވެ. ވަޙީ ކުރެއްވެވީ ﷲ ގެ އަޅާ ކަމަށެވެ. ﷲގެ ރަސޫލް، ﷲގެ ނަބިއްޔާ، މުޙައްމަދު، އަޙްމަދު ފަދަ ނަންފުޅުތައް ހުއްޓައެވެ. ވީމާ ﷲ ގެ އަޅާ އެއީ ކޮންމެ މީހަކަށްވެސް ލިބޭނެ އެންމެ މަތިވެރި ފަޚުރާއި ޝަރަފެވެ.  
ތިމާޢަކީ ﷲ ތަޢާލާގެ އަޅާ ކަމަށް ޤަބޫލުކޮށްގެން ހުންނަ މީހަކު، އެމީހަކަށް އިތުރު ދަރަޖައެއް ނުލިބިގެން އެކަމާއިމެދު ކަންބޮޑުވެގެނެއް ނުއުޅޭނެއެވެ. "ﷲގެ އަޅާ" ކަމަށްވުމުން ފުދި އިތުރުވެސް ވާނެއެވެ. ތިމާއަކީ "ﷲގެ އަޅެއް" ކަމަށް ޤަބޫލުކޮށްގެން ހުންނަ މީހާ އަބަދުވެސް ހުންނާނީ ސީދާ މަގުގައެވެ. އިސްލާމް ދީނުގެ މަގުން ކައްސާލައިގެން އެދެވެނީ ތިމާއަކީ ﷲ ތަޢާލާގެ އަޅެއް ކަމަށް ޤަބޫލު ނުކުރެވޭތީއެވެ.  
ބައެއް މީހުންނަށް އެމީހުންނަކީ މިނިވަނުން ކަމަށް ޤަބޫލުކުރެވޭކަން އެއީ ތަޤްވާވެރިކަމާއި ދުރަށް ދެވޭ އެއް ސަބަބެވެ. އެއްވެސް އިންސާނަކީ މިނިވަނެއް ނޫނެވެ.  
ޙަޤީޤަތުގައި ދުނިޔޭގައި މީސްތަކުން ލައްވަވާފައި މިވަނީ ﷲ ތަޢާލާގެ އަޅެއްގެ މަޤާމު އަދާކުރުމަށެވެ. އެ މަޤާމުގެ ވަޒީފާއަކީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. އަޅުކަން ނުކުރެވޭނަމަ އެއިގެ މާނައަކީ އެމީހަކާއި ޙަވާލުކުރެއްވެވި ވަޒީފާ އަދާނުކުރެވޭ ކަމެވެ. ވީމާ ދުނިޔޭގައި ހޭދަކުރާ ކުރު މުއްދަތުގައި "ﷲގެ އަޅާ"ގެ މަސްއޫލިއްޔަތުތަކަށް ފަރުވާތެރިވާށެވެ! މަރުވުމުން އަރާމާއި އުފާ އޮތީ އެފަދަ މީހުންނަށެވެ.
 
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ