ރަޝިއާގެ ރައީސް ޕޫޓިން އިންޑިއާއަށް ވަޑައިގަންނަވަނީ

މޮސްކޯ (02 ޑިސެންބަރު 2025) : އަންނަ ބުރާސްފަތި ދުވަހު ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިން އިންޑިއާއަށް ވަޑައިގަންނަވާނެކަމާއި، ރަޝިއާގައި އުފައްދާ އެންމެ ޒަމާނީ ފައިޓާ ޖެޓް އިންޑިއާއަށް ވިއްކުމުގެ މަޝްވަރާތައް ޕޫޓިންގެ އެޖެންޑާގައި ހިމެނޭކަން ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން އިއުލާން ކޮށްފިއެވެ. ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ބިސްކޯފް ވިދާޅުވީ ރަޝިއާގައި އުފައްދާ އެންމެ ޒަމާނީ ފައިޓާޖެޓް އެސް.ޔޫ. 57 މަރުކާގެ ފައިޖެޓް އާއި ރަޝިއާގެ މަޝްހޫރު ވައިގެ ދިފާއީ ނިޒާމު އެސް 500 ގަތުމަށް އިންޑިއާ ވަނީ ރަޝިއާގެ ކިބައިން އެދިފައެވެ. އަންނަ ބުރާސްފަތި ދުވަހު ޕޫޓިން ނިއުދިއްލީއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއެކު މިކަމާބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެއިތުރުން އިންޑިއާއާއި ރަޝިއާ އާ ދެމެދު ކުރަމުންގެންދާ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު އަހަރަކު 100 ބަލިޔަން ޑޮލަރަށް މަތިކުރެވޭނެ ގޮތްތަކާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާނެކަމަށް ބިސްކޯވް ވިދާޅުވިއެވެ. ރަޝިއާގެ މަޝްހޫރު ވައިގެ ދިފާއީ ނިޒާމު އެސް 500 އަދި އިންސްޓޯލް ކޮށްފައިވަނީ ހަމައެކަނި ރަޝިއާގައެވެ. ހުޅަނގުގެ ހަތިޔާރުތައް ބޭނުންކޮށްގެން ޔުކްރެއިން ރަޝިއާއަށް ދޭ ހަމަލާތަކުގެ 90 އިންސައްތަ މިނިޒާމުން ދިފާއުކޮށްދޭކަމަށް އަސްކަރީ ރިޕޯޓްތައް ބުނެއެވެ. ޕޫޓިން އިންޑިއާއަށް މިވަޑައިގަންނަވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ރަސްމީ ދައުވަތަކަށެވެ. ޕޫޓިން މިވަޑައިގަންނަވަނީ ރަޝިއާއާއެކު އިންޑިއާ ކުރާ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލުމަށް ނޫނީ އެމުއާމަލާތްތައް ވަރަށް ބޮޑަށް ކުޑަކުރުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ބާރުއަޅަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ޕޫޓިންގެ ދަތުރުފުޅަކީ އިންޑިއާ ހުޅަނގަށް ބަރޯސާ ނުވާކަމާއި ހުޅަނގުގެ އިލްތިމާސްތަކަށް އިންޑިއާ ބޯނުލެނބާކަން ހާމަވާކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. ރަޝިއާ ދާދިފަހުންވަނީ މަދަނީ މަތިންދާ ބޯޓު އުފެއްދުމާއި އަސްކަރީ ފައިޓާޖެޓް އުފެއްދުމުގެ ޓެކްނޮލޮޖީ އިންޑިއާއަށް ފޯރުކޮށްދިނުމަށް ނިންމާފައެވެ. މިއީ އެމެރިކާއިން އިންޑިއާއަށް ދޭން ދެކޮޅު ހަދާފައިވާ ޓެކްނޮލޮޖީ އެވެ. ރަޝިއާގެ މި ނިންމުމާއެކު ރަޝިއާ އާއި އިންޑިއާ ގުޅިގެން މަދަނީ މަތިންދާ ބޯޓު އުފެއްދުމުގެ މަޝްރޫއަކާއި އަސްކަރީ ފައިޓާޖެޓް އުފެއްދުމުގެ މަޝްރޫއެއް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އެދެގައުމު ވަމުންދާކަމަށް އިންޑިއާއާއި ރަޝިއާގެ މީޑިއާތަކުންވަނީ ހާމަކޮށްފައެވެ. އެމެރިކާއާއި ޔޫރަޕް މިމައްސަލާގައިވަނީ ބަސްހުއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ