ތުއްތު ކުއްޖަކަށް ވެކްސިން ދިނުމަށް އިންޑިއާ ނަރުހަކު ކޯރެއް ހުރަސްކޮށް، ނުރައްކާތެރި ދަތުރެއް ކޮށްފި
އިންޑިއާގެ ފަރުބަދަމަތީ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގެ އަވަށެއްގެ ތުއްތު ކުއްޖަކަށް ވެކްސިން ދިނުމަށް އެ ގައުމުގެ ނަރުހަކު ކޯރެއް ހުރަސްކޮށް, ކުރި ނުރައްކާތެރި ދަތުރަށް އާއްމުންގެ ސަމާލުކަން ލިބިއްޖެއެވެ. އިންޑިއާއަށް ބޯކޮށް ވާރޭވެހެމުން ދާ މި ދުވަސްކޮޅު އޭނާ އެގޮތަށް ކަންތައް ކުރީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، މަގުތައް ބަންދުވެފައި އޮތުމުން އެ އަވަށަށް އަވަހަށް ދެވޭނެ އެހެން ގޮތެއް ނެތުމުންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކަމްލާ ދޭވީ ކިޔާ އެ އަންހެން ނަރުސް ވަނީ, ވަރަށް ބާރަށް ފެންގަނޑު ދައުރުވާ އެ ކޯރުގެ, އެއް ހިލަގަނޑު މަތިން އަނެއް ހިލަގަނޑަށް ފުންމަމުން ކޯރު ހުރަސްކޮށް އެ އަވަށަށް ގޮސްފައެވެ. ކަމްލާއާ ހަވާލާދީ ދަ އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލަށް އުފަންވި ތުއްތު ކުއްޖާއަށް ވެކްސިން ދިނުމަށް އޭނާ ދިޔައީ މޫސުން ގޯސްވުމުގެ ސަބަބުން ވެކްސިން ދިނުމަށް ކުއްޖާގެ މަންމައަށް ނާދެވެމުންނެވެ. އާންމުވެފައިވާ ވީޑިއޯއަށް ގިނަ ބަޔަކު ތައުރީފްކޮށްފައިވާއިރު، އަނެއް ބަޔަކު ވަނީ އެ ކަހަލަ ނުރައްކާތެރި ކަންކަމަށް ހިތްވަރު ނުދިނުމަށް ބުނެފައެވެ. އަދި ބައެއް މީހުން ވަނީ އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަކުރުކޮށް، ރަނގަޅު ވަސީލަތްތައް ގާއިމު ކުރުމަށް ސަރުކާރަކަށް ގޮވާލާފައެވެ. ހިމާޗަލް ޕްރަދޭޝްއަށް ޖޫން 20 ވަނަ ދުވަހުން ފެށިގެން ކުރަމުންދާ މޫސުމީ ވިއްސާރައިގައި 303 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 155 މީހުން މަރުވެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން ގެނބިގެންނާއި ހޮނުއަޅައިގެން ކަމަށް ބެލެވެއެވެ. މަގުމަތީގެ އެކްސިޑެންޓްތަކުގައި 148 މީހުން މަރުވެފައިވާ ކަމަށް ވެސް އޭއެންއައި ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ