ސާޖިކަލް މާސްކު ހަދާ ފެކްޓްރީއެއް މާލޭގައި ހުޅުވައިފި

ރާއްޖޭގެ އަމިއްލަަ ކުންފުންޏަކުން މާލޭގައި ސާޖިކަލް މާސްކު ހަދާ ފެކްޓަރީއެއް ހުޅުވައިފި އެވެ.
"މައި މާސްކް"ގެ ނަމުގައި ހުޅުވި މި ފެކްޓްރީއަކީ ނަކް ޕްރައިވެޓް ލިމިޓެޑުން ހުޅުވި ފެކްޓްރީއެކެވެ. މި ފެކްޓްރީއިން ހަދާ މާސްކުތަކަކީ މިހާރު ވެސް އާއްމުކޮށް ބޭނުން ކުރާ ސާޖިކަލް މާސްކު ހެން ތިން ފަށަލައަކަށް ހުންނަ މާސްކެވެ.
މި ފެކްޓްރީ ހުޅުވުމަށް ބޭނުންވާ މެޝިންތަކާއި ރޯ މެޓީރިއަލްސް ގެންނަނީ ބޭރުންނެވެ. މި ފެކްޓްރީ ހުޅުވުމުގެ ބޭނުމަކީ ކޮވިޑް-19ގެ ސަބަބުން މާސްކު އަޅަން ޖެހޭއިރު ހެޔޮ އަގުގައި ކޮލިޓީ ރަނގަޅު މާސްކު ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މައި މާސްކް ފެކްޓްރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހިލްމީ ވިދާޅުވީ މާސްކު ހެދުމަށް އެ ފްކެޓްރީގައި ބޭނުން ކުރަނީ ހޮސްޕިޓަލުތަކުގައި ބޭނުންކުރާ ޔޫރަޕިއަން ސްޓޭންޑަޑަށް ފެތޭ ފެންވަރުގެ މެޓީރިއަލް ކަމަށެވެ. އަދި މާސްކު ހެދުމަށް ބޭނުން ކުރާ މެޝިންތަކަކީ ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީގެ މެޝިންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ހުޅުވި މާސްކް ފެކްޓްރީގައި މާސްކު ހެދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: މައި މާސްކް ފެކްޓްރީ
ހިލްމީ ވިދާޅުވީ މި މާސްކުގައި ހުންނަ ފިލްޓަރަކީ "ބެކްޓީރިއަލް ފިލްޓަރޭޝަން އެފިޝަންސީ" 99 ޕަސެންޓުގެ ފިލްޓަރެއް ކަމަށެވެ. އެހެންކަމުން ވައިރަސް އާއި ޖަރާސީމުން ރައްކާތެރިކުރާ މިންވަރު ބޮޑު ވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މައި މާސްކް އުފައްދަނީ ހޮސްޕިޓަލުތަކުގައި ވެސް ބޭނުން ކުރެވޭނެ ފެންވަރުގައި، ޔޫރަޕިއަން ސްޓޭންޑަޑްގެ މޮޅު މެޓީރިއަލް ރާއްޖޭން ބޭރުން ގެނެސްގެން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުުތަކުގައި ވެސް މާސްކު އުފައްދާ މިންގަނޑުތަކަށް،" ހިލްމީ ވިދާޅުވި އެވެ.
"ފެން ހަރުނުލާ ފަދަ ބޭރު ފަށަލައަކާއެކު ހަދާ މި މާސްކުގެ އެތެރޭގެ ފަށަލަ ހަދަނީ އަޅައިގެން ތިބޭއިރު ނޭވާލާން ފަސޭހަވާނެހެން. މާސްކު އަޅާ މީހާއަށް އުނދަގޫ ނުވާނެހެން ކަންފަތުގައި އަޅުވާ ވާކޮޅެއް ވެސް އިންނާނެ."
މައި މާސްކް ފެކްޓްރީން އުފައްދާ މާސްކުތަކަކާއެކު އެ ފެކްޓްރީގެ މުވައްޒަފަކު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: މައި މާސްކް ފެކްޓްރީ
މި ފެކްޓްރީން އުފައްދާ މާސްކުތައް މިހާރު ވަނީ ބާޒާރަށް ވެސް ނެރެފަ އެވެ. އާއްމުންގެ ފަރާތުން މި މާސްކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ހިލްމީ ވިދާޅުވި އެވެ. މައި މާސްކް ފެކްޓްރީން ރިސޯޓުތަކާއި ކުންފުނިތަކަށް ވެސް މާސްކު ސަޕްލައި ކުރެ އެވެ.
ބާޒާރުން މިވަގުތު ލިބެން ހުރި އެ ފެކްޓްރީގެ މާސްކުތަކުގެ ތެރޭގައި ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ހެން ކޮންމެ މާސްކެއް ވަކިން އުރައިގައި ބަންދުކޮށްފައި ހުންނަ މާސްކާއި 50 މާސްކު ހިމެނޭ ބަންޑެލިތައް ވެސް ހިމެނެ އެވެ. އަދި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ މާސްކު ވެސް މިހާރު ވަނީ ބާޒާރަށް ނެރެފަ އެވެ.
މައި މާސްކުގެ އެކި ކުލަކުލައިގެ މާސްކުތައް ވެސް ކުރިއަށް އޮތްތާނގައި ބާޒާރަށް ނެރޭނެ ކަމަށް ހިލްމީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ