ސަރުކާރުން ފުރުސަތު ދޭނީ ސުލްހަވެރި ސިޔާސީ އެއްވުންތަކަށް: އިމްރާން

ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް މި ސަރުކާރުން ފުރުސަތު ދޭނެ ކަމަށް ހޯމް މިނިސްޓަރު ޗެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިފަދައިން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން އިއްޔެ މުޒާހަރާ ފެށުމުގެ ކުރިން އޭނާ ކުރެއްވި ޓުވީޓަކަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އެގޮތުން އިމްރާން އިއްޔެ ވިދާޅުވީ "މުޒާހަރާ ކުރިއަށް ގެންދިއުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓެޖީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިނގޭ" ކަމަށެވެ.
ހޯމް މިނިސްޓަރު ކަމުގައި ހުންނަވައި އިމްރާން މިފަދައިން ވިދާޅުވިއިރު އޭނާ މިހާރު ކޯލިޝަން ހައްދަވައިގެން ހުންނެވި އެމްޑީޕީއާއި ދެކޮޅަށް 2012 ވަނަ އަހަރުގެ ތެރޭގައި ކުރި މުޒާހަރާތަކުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެކު އިމްރާންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭރު ވެރިކަމުގައި ހުންނެވީ މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީވެސް މުޒާހަރާތަކަށް ނިކުތް މީހުން ގިނަވެ ބައެއް ފުލުހުންނާއި ސިފައިން މުޒާހަރާގެ ބައިވެރިންނާއެކު ބައިއަތު ހިފުމުންނެވެ.
މިއަދު އިމްރާން ވިދާޅުވީ ސުލްހަވެރި މުޒާހަރާތަކަށް އެންމެ ފަހިވާނެހެން ރައްޔިތުންނަށް މި ސަރުކާރުން ފުރުސަތު ދޭނެ ކަމަށެވެ.
ސުލްހަވެރި ނޫން މުޒާހަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ އިމްރާން އެވެ. އެގޮތުން ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް މަގުމަތީގައި ހަމަނުޖެހުން އުފައްދަން އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ އިމްރާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ