ކުޅިވަރުތައް ކުޅުމުގެ ހުއްދަ ދީފި، މުބާރާތްތަކެއް ނުބޭއްވޭނެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލޭ ސަރަހައްދުގައި އެންމެހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލާ، ގްރޫޕް ހަދައިގެން ކަސްރަތުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ކުޅިވަރުތަކާއި ކަސްރަތު ހަރަކާތްތައް ހިންގުމުގެ ހުއްދަ ދީފިއެވެ.
ފިޔަވަޅުތަކަށް ލުއި ދިނުމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ މާލޭ ސަރަހައްދުގައި ހުރިހާ ކުޅިވަރަކާއި ކަސްރަތުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަދިނުމަށް ނިންމާފައިވީ ނަމަވެސް މުބާރާތްތައް ބޭއްވުމުގެ ހުއްދަ އަދި ދެވެން ނެތް ކަމަށެވެ.
ކުޅިވަރުތައް ކުޅުމުގެ ހުއްދަދިން ނަމަވެސް މުބާރާތްތައް ބޭއްވުމުގެ ހުއްދަ އަދި ދެވެންނެތީ ގިނަ ބަޔަކު އެއްވެ ހަރަކާތްތައް ހިންގާނަމަ އަނެއްކާވެސް މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވެ އަލުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިދާނެތީކަމަށް ބެލެވެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވެ ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ އެންމެހާ ހަރަކާތްތަކެއް ހުއްޓާލަން އަންގާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހުއެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނު ކުޅިވަރަކީ ފުޓުބޯޅައެވެ.
އެގޮތުން ދިވެހި ލީގު ކުރިއަށް ނުގެންދެވި ކުރުކޮށްލަން ޖެހުމާއި، ރާއްޖެ ތަމްސީލު ކުރުމަށްޓަކައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން އޭއެފްސީ އޭޝިއަން ކަޕާއި ވޯލްޑް ކަޕް ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށް، ފަރިތަކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.
2020 ވަނަ އަހަރުގެ ކުރީކޮޅު ކޮވިޑްގެ ސަބަބުން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ގައުމީ ފުޓުބޯޅަ ޓީމަށް ދަނޑެއްގައި ފަރިތަކޮށްލުމުގެ ފުރުސަތު ނުލިބި، ސަރަހައްދީ ބޮޑު މުބާރާތެއްގެ ކޮލިފިކޭޝަން މެޗުތަކާއި ކުރިމަތިލީ އެއް އަހަރު ދުވަސްފަހުން ދަނޑެއްގައި ފަރިތަކުރުމުގެ ފުރުސަތު ލިބުމަށްފަހުއެވެ. އެއީ ދުބާއީގައި ކުރި ކޭމްޕުގެ ތެރެއިން އެގައުމުގެ ދަނޑެއްގައި ފަރިތަކުރުމަށް ލިބުނު ފުރުސަތެވެ.
ފަރިތަކުރުމަށް ފުރުސަތު ނުލިބި ގައުމީ ޓީމުން ވަނީ މާލޭގައި ހޮޓެލް ޖެންގެ ބޯލް ރޫމުގައިވެސް ޕްރެކްޓިސް ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ.
އެހެން ކުޅިވަރު ހަރަކާތްތަކަށް ބަލާއިރު، އަންނަ މަހު މާލޭގައި ބާއްވަން ނިންމި ޓީޓީ ބައިނަލްއަގުވާމީ ދެ މުބާރާތް އަންނަ އަހަރަށް ފަސްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓީޓީ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެއީ މިދިޔަ ދެ މަހެއްހާ ދުވަހު ފަރިތަކުރުން ފުރުސަތެއް ލިބިފައި ނެތުމާ އެކު އެވެ.
މީގެ އިތުރުން މި މަހު ފަށާ އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަށް މުބާރާތަށް ތައްޔާރުވުމުގައި ދަތިތަކެއް ދިމާވީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން މިދިޔަ ދެ މަހެއްހާ ދުވަހު ޓްރެއިނިން ކުރިއަށްގެންްދަން ފުރުސަތެއް ނެތުމުންނެވެ. އޮލިމްޕިކްސް އަށް މިހާރު ދެ ހަފްތާ އަށް ވުރެ ކުޑަ މުއްދަތެއް އޮތްއިރު، މިއަދު މި ދިން ލުއިތަކުގެ ސަބަބުން މާލޭގައި އެތުލީޓުންނަށް ގަވާއިދުން ޓްރެއިނިންތައް ގެންދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ