ގުޅިފަޅަކީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަންޒިލަކަށް ހަދަންޖެހޭ: ޑރ.މުޢިއްޒު

ކ.ގުޅިފަކީ މާލޭ ރަށްވެހީންގެ ގެދޮރުވެރިކަމުގެ ޚާއްސަ މަންޒިލަކަށް ވާންޖެހޭ ކަަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޒޫމް މެދުވެރިކުރައްވައި މާލޭގެ ބައެއް ރައްޔިތުންނާއި އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމެއްގައި ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.މުޢިއްޒު ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށެވެ.
ޑރ.މުއިއްޒު ވިދާޅުވީ ބިންވެރި ބަޔަކަށް ވުމަކީ މާލޭގެ ރައްޔިތުންގެ އަމާޒެއް ކަމަށާއި، އަމިއްލަ ނަންމަތީގައި ގޯއްޗެއް އޮތުމަށް ކޮންމެ ރައްޔިތަކުވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް މާލީ ގޮތުން ތަނަވަސްކަން ނެތުމުން އެކަމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ހައްލު ބޭނުންވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވައި ޑރ.މުޢިއްޒު ވިދާޅުވީ، މި މައްސަލަ ހައްލު ކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަފިޔަވަހީގައި ހިއްކާފައިވާ ބިން އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރަންޖެހޭ ކަމަށެވެ.
"ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަަމަށް ޚާއްސަ މަންޒިލަކަށް ހެދުމުގެ މަސައްކަތް ހުއްޓައެއް ނުލާނަން" ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ޑރ.މުޢިއްޒު ވިދާޅުވި ގޮތުގައި ޕޯޓު އެޅުމަށް، ނުވަތަ އެހެން އެއްވެސް މަޝްރޫޢުއެއް ހިންގުމަށް ގުޅިފަޅު ބޭނުން ކުރުމަކީ މާލޭގެ ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ހައްޤަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށެވެ.
ޑރ.މުޢިއްޒު ވިދާޅުވީ ގުޅިފަޅުގައި ޕޯޓު އަޅަންޖެހޭ އެއްވެސް "ޓެކްނިކަލް" ސަބަބެއް ނެތް ކަމަށާއި، އެ މަޝްރޫޢު ކުރިއަށް ގެންދިަންވީ ތިލަފުށީގައި ކަމަށެވެ. ކުނި މެނޭޖު ކުރެވޭނެ ޒަމާނީ ވަސީލަތްތައް ޤާއިމުވެފައިވާކަން ފާހަގަކުރައްވައި ޑރ.މުޢިއްޒު ވަނީ، އެމަސައްކަތް މިހާރު ތިލަފުށީގައި ކުރަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ