ރައީސް ޔާމީން މުލަކު އަތޮޅަށާއި މަގޫދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މުލަކަތޮޅުގެ ބައެއް ރަށްރަށާއި ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މުލަކަތޮޅު ދިއްގަރަށް ވަޑައިގެން، އެ ރަށުގެ ރައްކާތެރި ބޯފެން އިފްތިތާޙުކޮށްދެއްވިއެވެ. މުލަކަތޮޅު ދިއްގަރުގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ މެދަށް ރާއްޖޭގެ އާބާދީގެ %50އަށް ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ.
ރަށްރަށަށް ބޭނުންވާ ކަންކަން ފުރިހަމަވެގެން ދިއުމުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ފާހަގަކުރައްވާ, މިފަދަ ލުއިފަސޭހަކަން ލިބިގެންދަނީ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ ބައިވެރިވުމާ ތާޢީދު ލިބިގެންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުން ޒީނަތްތެރިވަނީ ޒުވާނުންނަކީ ބޭކާރުކޮށް ވަގުތު ހޭދަނުކޮށް ހަށިގަނޑުގެ ތަރުބިއްޔަތަށް ބޭނުންވާ ކުޅިވަރުކުޅޭ ބަޔަކަށްވެ، މުޖުތަމަޢު ބިނާކުރުމުގަ މުޖުތަމަޢަށް ޚިދުމަތްކުރުމުގަ ދެމިތިބޭބައެއްގެ ގޮތުގައި ޒުވާނުން ދެމިތިބުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެއަށްފަހު، އެމަނިކުފާނު މުލަކަތޮޅު މުލަކަށް ވަޑައިގެން އެ ރަށުގެ ރައްކާތެރި ބޯފެން އިފްތިތާޙުކުރެއްވިއެވެ. މުލަކަތޮޅު މުލަކުގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ މިސްރާބު ހުރީ އާ ވިސްނުމަކާއި، އާ އަޒުމަކާއެކީ އާ ދިވެހިރާއްޖެއަކާ ދިމާއަށް ދަތުރުކުރުންކަމުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މި ސަރުކާރުން ކުރަން ބޭނުންވާ މަސައްކަތަކީ ރާއްޖޭގެ އެކި ހިސާބުގައި އާބާތުރަ ފިލުވަންވެފައި ހުރި ކަންކަން އާބާތުރަފިލުވައި، އަލުން ބޭނުންވާ ކަންތައްތައް އިއާދަކޮށްދިނުންކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސަރުކާރުގެ ފާއިތުވި ތިން އަހަރު ދުވަހުގައި އެފެއްދުނު ވަރަކަށް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު، ދިވެހި ތާރީޚުގައިވެސް އުފެއްދިފައި ނުވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި ޒަމާނީ ޑިމޮކްރަސީއެއް އުފެއްދުމުގެ ބޭނުމަކީ ރައްޔިތުންނަކީ ޤައުމުގެ ތަރައްޤީގެ ހިއްސާދާރުންކަމުގައި ދިވެހިންނަށް ވިސްނައިދިނުން ކަމުގައެވެ.
އެއަތޮޅު ނާލާފުއްޓަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން އައި ސަރުކާރުތަކާއި މި ސަރުކާރާ އޮތް ތަފާތަކީ، ރައްޔިތުން ބޭނުންވާ ކަންކަން އެނގުމާއެކު އެ ކަންކަން ކުރެވޭތޯ މަސައްކަތް ކުރުން ކަމުގައެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ދަތިވެފައިހުރި ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ބަޔާންކުރެއްވިއެވެ.
ނާލާފުށީ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މި ޒަމާނުގެ މުޖުތަމަޢެއްގައި އުޅޭއިރު އަޅުގަނޑުމެންނަކީވެސް އެކި ދާއިރާތަކުގައި ދުނިޔޭގެ ފެންވަރުގައި ފައިތިލަ ސާބިތުކުރާ ރައްޔިތަކަށް ވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ޤާބިލް، ކެރޭ ޖީލެއް އުފެއްދުންކަމަށާއި، ބޭނުމަކީ އަމާން ސުލްހަވެރި ދިވެހިރާއްޖެއެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިރުތުން، އެމަނިކުފާނުގެ މިދަތުރުފުޅުގައި މުލަކަތޮޅު މުއްޔަށް ވަޑައިގެންނެވިއެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ބަނދަރު ހުޅުއްވައިދެއްވާ، މިސްކިތް ހުޅުއްވައިދެއްވިއެވެ. މިއަދު މަގޫދޫގައި ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި "މަސްޖިދުލް ތަޤްވާ" މިސްކިތަކީ، ސަރުކާރުން 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ޢިމާރާތްކޮށްފައިވާ، 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެކެވެ.
މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މި މިސްކިތުގައި ސުންނަތް ނަމާދެއް ވެސް ވަނީ ކުރައްވާފައެވެ.
މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ