ސޫރިޔާ ސަރުކާރާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރަން ހުޅަނގުން މަސައްކަތްކުރަނީ

ނިޔުޔޯކް (ސެޕްޓެމްބަރ 28) : ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މީހުން މަރަމުންގެންދާ މައްސަލާގައި އެޤައުމުގެ ސަރުކާރާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރަން މަސައްކަތްކުރާ ކަމަށް ފަރަންސޭސިވިލާތުން ބުނެފިއެވެ.
އދ. ގައި ހުންނަވާ ފަރަންސޭސި ދާއިމީ މަންދޫބު ވިދާޅުވީ މިއީ ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ޤަރާރެއް ނޫންކަމަށާއި މިއީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ ބިރުދައްކައި އިންޒާރުދޭ ޤަރާރެއްކަމުގައެވެ. މިއީ ހުޅަނގުގެ ޤައުމުތަކުން އިސްނަގައިގެން ފާސްކުރަން މަސައްކަތްކުރާ ޤަރާރެއް ކަމަށާއި މިޤަރާރުގެ ދެލިކޮޕީ މިހާރު ތައްޔާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ޤާރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ހުޅަނގުގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ކުރަމުންގެންދާ މަސައްކަތް ކާމިޔާބުވެފައިނުވަނީ ޗައިނާއާއި ރަޝިޔާ ގެ ދެކޮޅު ހެދުންތަކުގެ ސަބަބުންނެވެ. ޗައިނާއާއި ރަޝިޔާ ދެކޮޅުހަދަނީ މިފަދަ ޤަރާރެއް ފާސްކޮށްފިނަމަ ހުޅަނގުގެ ޤައުމުތަކުން އެކަމުގެ ނާޖާއިޒު ފައިދާނަގާފާނެ ކަމުގެ ބިރު ހީވާތީ ކަމަށް ރިޕޯޓްތައްބުނެއެވެ.
ދަތިކުރުމުގެ ޤަރާރެއް ފާސްކޮށްފިނަމަ ސޫރިޔާގެ މަސްރަހު އިތުރަށް ގޯސްވެ ލީބިޔާއަށް ވަދެގަތްގޮތަށް ސޫރިޔާގެ ދާޚިލީ މައްސަލައިގެ ތެރެއަށް ވަނުމަށް ހުޅަނގުގެ ބާރުތައް މަސައްކަތްކުރާނެކަމުގެ ބިރު ޗައިނާއާއި ރަޝިޔާ އިޙްސާސްކުރާ ކަމަށް އެދެޤައުމުގެ މަސްއޫލުވެރިންވެސް އިޝާރާތް ކުރައްވާފައިވެއެވެ. ސޫރިޔާއާ ދެކޮޅަށް ފާސްކުރަން ހުޅަނގުގެ ޤައުމުތަކުން މަސައްކަތްކުރާ މިޤަރާރަށް ތާއީދުކުރާކަން ނުވަތަ ނޫންކަން ޗައިނާއާއި ރަޝިޔާ އަދި ހާމަކޮށްފައެެއްނުވެއެވެ. ސޫރިޔާ ސަރުކާރާ ވައްޓާލުމަށް ގޮވާލައި މުޒާހަރާ ކުރަމުން ގެންދާ ފަރާތްތަކާ ދެކޮޅަށް ސޫރިޔާގެ އަމްނާބެހޭ ފަރާތްތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ވޭތުވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި 3 ހާހެއްހާ މީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެފައިވެއެވެ. -- އަލްޖަޒީރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ