ތާޖު މަހަލްއަށް ވަޑައިގަތުމަށް ރައީސް ނަޝީދު ދެކޮޅު ހައްދަވައިފި

ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރެއްވުމަށް މިމަހުގެ 9-13 އަށް އިންޑިއާޔަށް ކުރައްވާ ދަތުރުފުޅުގައި ތާޖް މަހަލް ބަލައިލަން ދިޔުމުގެ ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް، އެތަނަށް ވަޑައިނުގަންނަވަން ނިންމަވާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސާއި ހުރިހާ ޕާޓީތައް ތަމްސީލުވާނެހެން މަޖިލީހުގެ ބައެއް މެންބަރުން އަދި އަމީން އާންމާއި ކައުންސެލާ ޖެނެރަލް ވެސް ހިމެނޭގޮތަށް 15 ބޭފުޅުންގެ ވަފުދަކުން އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގިނަ ބައްދަލުވުންތަކާއި ހަފްލާތައް ރޭވިފައި އެބައޮތް ކަމަށެވެ. އެގޮތުން، އިންޑިއާގެ އާސާރީ އެކި ތަންތަނަށް ދިޔުން ދަތުރުގެ އެޖެންޑާގައި އޮތް ނަމަވެސް، އޭގެ ތެރެއިން ތާޖު މަހަލްއަށް ޒިޔާރަތް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. https://sun.mv/128490 "އަޅުގަނޑުމެންގެ ވަރަށް ގިނަ ހަފްލާތަކާއި މަސައްކަތްތައް އެބައޮތް. އޭގެ ތެރޭގައި ތާޖުމަހަލް ބަލައިލަން ދިޔުމާއި އަދިވެސް އެހެން މިބާވަތުގެ ތަންތަނަށް ދިޔުން ހިމެނޭ. އެހެން ނަމަވެސް އިއްޒަތްތެރި މެންބަރުން، އަޅުގަނޑު ގަސްދުކުރަނީ ތާޖު މަހަލް ބަލައިލަން ނުދާން،" ރައީސް ނަޝީދު ވިދާޅުވި އެވެ. އިންޑިއާ އަށް ޒިޔާރަތްކުރައްވާ ލީޑަރުންނާއި އެހެން ވެސް ފަރާތްތަކުގެ މެދުގައި މަގުބޫލު، އަދި ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައިވެސް ހިމެނޭ ތާޖުމަހަލް ބައްލަވަން ނުދާނެ ސަބަބެއް ރައީސް ނަޝީދު ވިދާޅެއް ނުވެ އެވެ. އިންޑިއާގެ އާގަރާގައި ހުންނަ ތާޖުމަހަލް އަކީ އިންޑިއާގެ މުސްލިމު ރަސްކަލެއް ކަމަށްވާ ޝާހު ޖަހާން އޭނާގެ އެންމެ ލޯބިވާ އަނބިމީހާ މުމްތާޒު މަހަލްގެ ހަނދާނުގައި ބިނާކުރި ބިނާއެކެވެ. ލޯބީގެ ރަމްޒެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ތާޖުމަހަލް ބަލައިލުމަށް އިންޑިއާ އަށްދާ ދުނިޔޭގެ ވެރިން ޒިޔާރަތް ކުރައްވަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އަދި އޭގެ ފަހުން ވެސް އެމަނިކުފާނު އެކި ދަތުރުފުޅުތަކުގައ އިންޑިއާޔަށް ވަޑައިގެން ނަމަވެސް، ތާޖް މަހަލްއަށް ޒިޔާރަތް ކުރެއްވި ކަމަކަށް ރިކޯޑް ތަކުން ނުދައްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ